އަލުވިފުށީގައި ހަދާ 125 ވިލާގެ ރިސޯޓު އޮކްޓޯބަރުގައި ހުޅުވަނީ

ވިޔަފާރިވެރިޔާ އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ހިއްސާ އޮންނަ ސަން ސިޔާމް ކުންފުނިން ދ. އަލުވިފުށީގައި ހަދާ 125 ވިލާގެ މަތީ ފެންވަރުގެ ރިސޯޓު އަންނަ އޮކްޓޯބަރު މަހު ހުޅުވަން ނިންމައިފި އެވެ.


"ސަން އަކުއާ އިރުވެލި"ގެ ނަމުގައި ތަރައްގީ ކުރާ ފަސްތަރީގެ ފެންވަރުގެ ރިސޯޓުގެ އެއްގަމާއި މޫދުގައި ހަދާފައިވާ ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް އޮވެ އެވެ.

ދ. އަލުވިފުށީގައި ސަން އަކުއާ އިރުވެލީގެ ނަމުގައި ހަދާ ރިސޯޓުގެ ވިލާއެއް: މިތަނުގެ ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް އޮވޭ. ފޮޓޯ: ސަން ސިޔާމް

އެ ކުންފުންޏާ ހަވާލާދީ ބްރޭކިން "ޓްރެވަލް ނިއުސް" ވެބްސައިޓްގައި ބުނެފައި ވަނީ މާލެ އިން ފުރައިގެން ސީޕްލޭނެއްގައި 40 މިނިޓުން ދެވޭ ހިސާބުގައި އޮންނަ ރިސޯޓުގައި އިންފިނިޓީ ޕޫލަކާއި ރެކްރިއޭޝަން ސެންޓަރަކާއި ވޯޓާ ސްޕޯޓްސްގެ ޚިދުމަތްތައް ވެސް ލިބެން ހުންނާނެ ކަމަށެވެ. އަދި ހަ ޕެވިލިއަން ހިމެނޭ ސަން އަކުއާ ބްރޭންޑްގެ ސްޕާއެއް ވެސް ހުންނާނެ ކަމަށް ވެބްސައިޓްގައި ވެ އެވެ.

ސަން ސިޔާމް ކުންފުނިން ސަން އަކުއާ ބްރޭންޑުން ރާއްޖޭގައި ތިން ރިސޯޓެއް ހިންގާއިރު ލަންކާގައި ސަން އަކުއާ ޕަސިކުޑާ ނަމުގައި ރިސޯޓެއް އޮވެ އެވެ.