ވޯލްޑް ކަޕާ ދިމާކޮށް ރަޝިޔާގައި ރާއްޖެ އިޝްތިހާރު ކުރަނީ

އަންނަ ޖޫން މަހު 14 ގައި ރަޝިޔާގައި ފަށާ މި އަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް، އެ ގައުމުގައި ރާއްޖެ އިސްތިހާރު ކުރުމަށް ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.


ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު، އެ މަސައްކަތް ހަވާލުކުރެއްވީ ކެބްވަޓައިޒްމަންޓް ޔޫރަޕް އަށެވެ. އެ ކުންފުންޏަކީ، ޓެކްސީގައި އިސްތިހާރު ޖަހައިގެން ޕްރޮމޯޝަންތައް ހިންގާ ކުންފުންޏެކެވެ.

ކެބްވަޓައިޒްމަންޓާ އެ މަސައްކަތް ހަވާލު ކުރުމަށް ފަހު ޒަމީރު ވިދާޅުވީ، ރާއްޖޭގެ އިސްތިހާރުތައް ރަޝިޔާގެ ވެރިރަށް މޮސްކޯގެ 100 ޓެކްސީއެއްގައި ޖަހާނެ ކަމަށެވެ. އަދި އެ އިސްތިހާރުތައް ޖަހާނީ ވޯލްޑްކަޕާ ދިމާކޮށް ޖޫން މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދެ މަސް ދުވަހަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ޓެކްސީތަކުގެ ދެ ފަރާތުގައި ވެސް ރާއްޖޭގެ އިސްތިހާރުތައް ޖަހާނެ،" 17 މިލިޔަނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ މޮސްކޯގައި ދުއްވާ ޓެކްސީތަކުގައި ޖަހާ އިސްތިހާރާ ގުޅޭ ގޮތުން ޒަމީރު ވިދާޅުވި އެވެ.

ބޭރު ގައުމެއްގެ ޓެކްސީއެއްގައި ރާއްޖޭގެ އިސްތިހާރެއް ހަޖާފައި.

އޭނާ ވިދާޅުވީ ރާއްޖޭގައި ގިނަ އަދަދަކަށް ރިސޯޓް ހުޅުވަން ތައްޔާރުވަމުން އަންނަ އިރު، މާކެޓިން ހަރަކާތްތައް ވަރަށް ބޮޑަށް އިތުރު ކުރަން ޖެހޭ ކަމަށެވެ. އަދި މި މަސައްކަތަކީ އެ މަސައްކަތްތަކުގެ ތެރެއިން ހަވާލުކުރެވޭ މަސައްކަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ މަސައްކަތް ކެބްވަޓައިޒްމަންޓާ ހަވާލުކުރީ 40،000 ޔޫރޯ (735،580ރ.) އަށް ކަމަށެވެ.

ވޯލްޑްކަޕްގެ މެޗުތައް ރަޝިޔާގެ އެކި ސަަރަހައްދުތަކުގައި ކުޅޭއިރު، މޮސްކޯގައި ބާއްވާ މެޗުތަކުގައި 16 ގައުމެއްގެ ގައުމީ ޓީމުތައް ކުޅޭނެ އެވެ. އަދި ސެމީ ފައިނަލާއި، ފައިނަލް މެޗް ވެސް ކުޅޭނީ މޮސްކޯގަ އެވެ.

އެ މެޗުތައް ބަލަން އެތައް މިލިޔަން ބައެއް މޮސްކޯ އަށް ދާއިރު، ޓެކްސީގައި އިސްތިހާރު ޖެހުމުން ވަރަށް ގިނަ ބަޔަކަށް އެ އިސްތިހާރުތައް ފެންނާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.