އެނބޫދޫފަޅު ތަރައްގީ ކުރާ ކުންފުނިން، ކޮނޮއްޓާއާ އެކު 310 މިލިއަން ޑޮލަރަށް ހަ ރިސޯޓެއް ގަނެފި

މަތީ ފެންވަރުގެ ރިސޯޓުތަކާއި ރީޓެއިލް ވިޔަފާރިއާ އެކު ކ. އެނބޫދޫފަޅު ތަރައްގީކުރާ ތައިލެންޑްގެ ސިންހަ އެސްޓޭޓް ކުންފުނިން އެމެރިކާގެ ހަވާއީގެ ކުންފުންޏެއް ކަމަށްވާ އައުޓްރިގާގެ ހަ ރިސޯޓެއް، 310 މިލިޔަން ޑޮލަރަށް ގަނެފި އެވެ.


ސިންހަ އެސްޓޭޓުން ގަނެފައިވާ އައުޓްރިގާގެ ރިސޯޓުތަކުގެ ތެރޭގައި، އެ ކުންފުނިން ރާއްޖޭގައި ހިންގާ ގދ. ކޮނޮއްޓާ ރިސޯޓު ވެސް ހިމެނެ އެވެ. ފަސް ތަރީގެ ކޮނޮއްޓާގައި 53 ވިލާ ހުރެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑެތި ވިލާތައް ވެސް ހިމެނޭ އިރު، 2015 ވަނަ އަހަރުގެ އޮގަސްޓު މަހު ހުޅުވި މި ރިސޯޓަށް ކުރު މުއްދަތެއްގެ ތެރޭގައި ޓޫރިސްޓުންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވެ އެވެ.

ކޮނޮއްޓާގެ އިތުރުން ސިންހަ އެސްޓޭޓް އިން ގަނެފައިވަނީ ތައިލޭންޑްގައި ހިންގާ އައުޓްރިގާގެ ދެ ރިސޯޓާއި، ފިޖީގައި ހިންގާ އެ ބްރޭންޑްގެ ދެ ރިސޯޓުގެ އިތުރުން މޮރިޝަސް އައުޓްރިގާ އިން ހިންގާ ރިސޯޓެވެ. އެ ހުރިހާ ރިސޯޓެއް އެއްކޮށްލުމުން، ސިންހާ އެސްޓޭޓުގެ ކެޕޭސިޓީ އަށް އަލަށް 859 ކޮޓަރި އިތުރުވެ އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މަތީ ފެންވަރުގެ ވިޔަފާރިތައް އިތުރުކޮށް، 2020 ވަނަ އަހަރު އަންނަ އިރު ކުންފުނީގެ އާމްދަނީ 20 ބިލިޔަން ތައި ބާތަށް އެރުވުން،" ސިންހަ އެސްޓޭޓުން ނެރުނު ބަޔާނެއްގައި އެ ކުންފުނީގެ ސީއީއޯ ނަރިސް ޗޭކްލިން ވިދާޅުވި އެވެ.

ނަރިސް ވިދާޅުވީ އައުޓްރިގާގެ ރިސޯޓުތައް ގަތުމުން އެ ކުންފުނީގެ އާމްދަނީ އިތުރުކުރެވޭނެ ކަމަށެވެ. އަދި ތަފާތު ގައުމުތަކުގައި އިންވެސްޓް ކުރުމުން، އެ ކުންފުނީގެ ވިިޔަފާރި އަށް ކުރިމަތިވާ ޖިއޮގްރަފިކަލް ރިސްކުތައް ކުޑަކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިންހަ އެސްޓޭޓުން ބުނީ އެ ކުންފުނިން ގަން އައުޓްރިގާގެ ހަ ރިސޯޓް ހިންގާނީ އެ ބްރޭންޑްގެ ދަށުން ކަމަށެވެ. އަދި އެ ރިސޯޓްތައް މެނޭޖްކުރާނީ ސީދާ އައުޓްރިގާ ކުންފުނިން ކަމަށް ވެސް ސިންހަ އިން ބުނެ އެވެ.

އެނބޫދޫފަޅު ހިއްކައިގެން، ސިންހަ އެސްޓޭޓުން "ކްރޮސް ރޯޑްސް"ގެ ނަމުގައި ފިޔަވަހިތަކަކަށް ބަހާލައިގެން ހިންގާ 680 މިލިއަން ޑޮލަރުގެ މަޝްރޫއު ބިނާކޮށްފައި ވަނީ އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ގޮތަށް އިންޓަގްރޭޓަޑް ލެޝަ އަދި ރެކްރިއޭޝަން ޑެސްޓިނޭޝަން ރިސޯޓް ކޮންސެޕްޓްގެ މައްޗަށެވެ.

އެނބޫދޫފަޅުގައި މަތީ ފެންވަރުގެ ނުވަ ރިސޯޓުގެ އިތުރުން ވިޔަފާރީގެ ތަފާތު ގިނަ ފުރުސަތުތައް ހިމެނޭ ގޮތަށް ތަރައްގީ ކުރާ 12،000 އަކަމީޓަރުގެ ޓައުންޝިޕްގައި ދުނިޔޭގެ އެންމެ މަޝްހޫރު ފެޝަން ބްރޭންޑްތަކުގެ ފިހާރަތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކުގެ އިތުރުން މަޝްހޫރު ހާޑް ރޮކް ކެފޭއެއް ވެސް ހުޅުވަން ނިންމާފައިވެ އެވެ.

އޭގެ އިތުރުން އެތަނުގައި ޑިއުޓީ ފްރީ ފިހާރަ އާއި ކުޑަކުދިންނަށް ޚާއްސަ ގޮނޑުދޮށަކާ އެކު ހަދާ ބީޗް ކްލަބަކާއި ކަލްޗަރަލް ސެންޓަރަކާއި ވެލްނަސް ސެންޓަރަކާއި މެރިން ލައިފް ސެންޓަރެއް އަދި ޑައިވް ސެންޓަރެއް ވެސް ހުރެ އެވެ.