އެނބޫދޫފަޅުގެ ފުރަތަމަ ފިޔަވަހި މި އަހަރުގެ ނިޔަލަށް ނިމޭނެ: ސިންގް އެސްޓޭޓް

ކްރޮސްރޯޑްސްގެ ނަމުގައި ކ. އެނބޫދޫ ފަޅުގައި ހިއްކައިގެން ތަރައްގީކުރާ އިންޓަގްރޭޓެޑް ރިސޯޓުގެ ފުރަތަމަ ފިޔަވަހި ނިމޭނީ މިއަހަރުގެ ނިޔަލަށް ކަމަށް އެ މަޝްރޫއު ހިންގާ ތައިލެންޑްގެ ސިންގް އެސްޓޭޓުން މިއަދު ބުނެފި އެވެ.


އެނބޫދޫފަޅުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޗީފް ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އޮފިސަރު ޓެރަޗާޓް ނުމަނިޓް ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ހަދާ ހުރިހާ ހޮޓެލް އިމާރާތެއް މި އަހަރުގެ ނިންމާލެވޭނެ ކަމަށެވެ. އަދި އެ މަޝްރޫއު ކުރިޔަށް ގެންދަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ މިފަދަ ބޮޑު މަޝްރޫއެއް ރާއްޖޭގައި ހިންގާ ފުރަތަމަ ފަހަރު. އަޅުގަނޑުމެން މިތަނަށް އައީ ޔޫރަޕާއި އޭޝިއާއަށް ދަތުރުކުރަން ކައިރި، ވަރަށް އާދަޔާ ހިލާފު ތަނަކަށްވީމަ،" ޗީފް ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އޮފިސަރު ޓެރަޗާޓް ވިދާޅުވި އެވެ.

ކްރޮސްރޯޑްސްގެ ނަމުގައި ކ. އެނބޫދޫ ފަޅުގައި އިމާރާތެއް ހެދުމުގެ މަސައްކަތްކުރަނީ. މިތަނުގެ ފުރަތަމަ ހޮޓާ މިއަހަރުގެ ފަހުކޮޅު ހުޅުވާނެ ކަމަށް ބުނޭ. ފޮޓޯ: ނިޝާން އަލީ /މިހާރު

އޭނާ ވިދާޅުވީ އެތަނުގައި އެއް މެގަވޮޓްގެ ހަކަތަ އަވިން އުފައްދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެތަނަށް ބޭނުންވާ ކަރަންޓުގެ 25 ޕަސެންޓް ހަކަތަ އަވިން އުފެއްދޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ޓެރަޗާޓް ވިދާޅުވި އެވެ.

"މިއީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހިންގޭ ތަނަކަށް ވާނެ. މިތަނުގައި އުފެދޭ ކުންޏާއި ނަޖިސް ޓްރީޓްކޮށްގެން އޯގޭނިކް އުފެއްދުމަށް ބަދަލުކުރެވޭނެ. އޭގެ އިތުރުން ސޯލާ ޕެނަލް ވެސް އަންނަ އަހަރު ހަރުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހަދާ "ހާޑްރޮކް ބްރޭންޑް"ގެ ރިސޯޓު މި އަހަރުގެ އޮކްޓޯބަރު 1 ގައި ހުޅުވާނެ ކަމަށް ކުރިން އޮތީ އިއުލާންކޮށްފަ އެވެ. ނަމަވެސް މިހާރު އެ ހޮޓެލް އެ ތާރީހުގައި ހުޅުވޭނެ ކަމާމެދު ވަނީ ސުވާލު އުފެދި އެވެ.

އެ މަޝްރޫއުގެ މަސައްކަތް ކުރިޔަށްދާ ސްޕީޑަށް ބަލާއިރު ހާޑްރޮކް ހޮޓެލް އޮކްޓޯބަރު 1ގައި ހުޅުވާނެތޯ "މިހާރު"ން ދެންނެވުމުން ސިންގް އެސްޓޭޓްގެ ޗީފް އޮޕަރޭޓިން އޮފިސަރު ތިޓި ތޮންގްބެންޖަމަސް ވިދާޅުވީ ހާޑްރޮކް ހުޅުވަން ކުރިން ނިންމާފައި އޮތީ އަންނަ އޮކްޓޯބަރު ނުވަތަ ނޮވެމްބަރު މަހު ކަމަށެވެ. ނަމަވެސް މިހާރު އެ ހޮޓެލް ހުޅުވޭނީ އަންނަ އަހަރުގެ ފެބްރުއަރީ ނުވަތަ މާޗް މަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކްރޮސްރޯޑްސްގެ ނަމުގައި ކ. އެނބޫދޫ ފަޅުގައި އިމާރާތެއް ހެދުމުގެ މަސައްކަތްކުރަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

"ހާޑްރޮކްގެ ކުރިން ކުރިއޯ ބައި ހިލްޓަން އޭގެ ކުރިން ހުޅުވާނެ. މިހާރު އަޅުގަނޑުމެން މިތިބީ ކުރިއޯ ބައި ހިލްޓަންގެ އިމާރާތްތައް ހަދަމުން އަންނަ ސަރަހައްދުގައި. މިތަން ހުޅުވަން ނިންމާފައި ވަނީ އަންނަ ޑިސެމްބަރު މަހު ނުވަތަ ޖެނުއަރީ ފުރަތަމަ ހަފުތާގައި،" ޗީފް އޮޕަރޭޓިން އޮފިސަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހާޑް ރޮކް ހޮޓެލް އާއި ކުރިއޯ ބައި ހިލްޓަން ވެސް ހިންގާނީ ފްރެންޗައިސް އެގްރީމަންޓްގެ ދަށުން ސިންގް އެސްޓޭޓުން ކަމަށެވެ. އަދި އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިމޭއިރު 311 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން, ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގާ "އެނބޫދޫ ލެގޫން" މަޝްރޫއު ބިނާކޮށްފައި ވަނީ އެންމެ ޒަމާނީ ވަަސީލަތްތައް ހިމެނޭ ގޮތަށް އިންޓަގްރޭޓަޑް ލެޝަ އަދި ރެކްރިއޭޝަން ޑެސްޓިނޭޝަން ރިސޯޓް ކޮންސެޕްޓްގެ މައްޗަށެވެ.

އެއނބޫދޫ ފަޅުގައި ގާތްގަނޑަކަށް 30 ވަރަކަށް ރެސްޓޯރަންޓް ހިމެނެ އެވެ. އޭގެ އިތުރުން ގިނަ އަދަދަކަށް ލައިފްސްޓައިލް ޝޮޕިން ބްރޭންޑްތައް ވެސް ހިމެނެ އެވެ.