ރާއްޖޭގައި ފައިސާ ދައްކާ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ: ގަވަރުނަރު

ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގައި ފައިސާ ދައްކާ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ގަވަރުނަރު އަހުމަދު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.


މި އަހަރުން ފެށިގެން 2022 ވަނަ އަހަރަށް އަމަލުކުރަން އެކުލަވައިލި އެމްއެމްއޭގެ ސްޓްރެޓިޖިކް ޕްލޭން އިފްތިތާހު ކޮށްދެއްވުމަށް އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ އަލަށް ނެރުނު ސްޓްރެޓިޖިކް ޕްލޭން އެކުލަވާލުމުގައި އެ އޮތޯރިޓީގެ ހުރިހާ މުވައްޒަފުންގެ މަޝްވަރާ އާއި އައިއެމްއެފްގެ ފަންނީ ލަފާ ހިމަނާފައި ވާނެ ކަމަށެވެ.

""ރާއްޖޭގެ ފައިސާ ދެއްކުމުގެ ނިޒާމު ވީހާ ވެސް ބޮޑަކަށް ނަގުދު ފައިސާ އަށް ބަރޯސާނުވެ، ޑިޖިޓަލް ޕޭމަންޓްތަކާ ހަމަ އަށް ގެންދިއުމަކީ އަޅުގަނޑުމެންގެ އަމާޒެއް. ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ފައިސާދައްކާ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ،" ނަސީރު ވިދާޅުވި އެވެ.

މި އަހަރުން ފެށިގެން 2022 ވަނަ އަހަރަށް އަމަލުކުރަން އެކުލަވާލި އެމްއެމްއޭގެ ސްޓްރެޓިޖިކް ޕްލޭން އިފްތިތާހުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ފިނޭންސް މިނިސްޓަރު އަހުމަދު މުނަންވަރެވެ.

މި ސްޓްރެޓިޖިކް ޕްލޭންގައި ހިމަނާފައިވާ ކަންކަމާ ބެހޭ ގޮތުން ސަރުކާރުގެ ކަމާ ގުޅޭ ހުރިހާ މުއައްސަސާތަކުގެ ފަންނީ އަދި ޕޮލިސީ ލެވެލްގެ ބޭފުޅުންގެ ލަފަ އާއި ރާއްޖޭގެ ހަރަކާތްތެރިވާ މާލީ ހިދުމަތްދޭ ހުރިހާ އިދާރާތަކެއްގެ ފަންނީ އަދި އެންމެ މަތީ ލެވެލްގެ ބޭފުޅުންގެ މެދުގައި މަޝްވަރާކުރެވި، އެކަން ކަމަށް ރިއާޔަތްކޮށްފައި ވާނެ ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.

އެމްއެމްއޭ އިން އަލަށް އެކުލަވާލި ސްޓްރެޓިޖިކް ޕްލޭން އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ގަވަރުނަރު ނަސީރު ވާހަކަދައްކަވަނީ. ފޮޓޯ: އެމްއެމްއޭ

ނަސީރު ވިދާޅުވީ ސްޓްރެޓިޖިކް ޕްލޭންގައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާއި މާލީ ދާއިރާގައި ހަރަކާތްތެރިވާ އިދާރާތަކުގެ އެއްބާރުލުމާ އެކު ކަމަށެވެ.

އެމްއެމްއޭގެ ސްޓްރެޓިޖިކް ޕްލޭންގެ ތެރެއިން އިސްކަންދޭނެ ކަންތައްތަކުގެ ތެރޭގައި، ގަވަރުނަރު ފާހަގަކުރެއްވި އެއް ކަމަކީ ރާއްޖޭގެ ފައިސާ ދެއްކުމުގެ ނިޒާމަށް އިންގިލާބީ ބަދަލު ގެނައުމެވެ. މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ ފައިސާގެ މުއާމަލާތްތައް ކުރާ ފަރާތްތަކަށް، ލުއި ފަސޭހަ، އަވަސް، ރައްކާތެރި އަދި ޚަރަދު ކުޑަ ގޮތެއްގައި ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ނިޒާމެއް ގާއިމުކުރުން ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.

"ވީހާ ވެސް ގިނަ ބަޔަކަށް މާލީ ގޮތުން ބައިވެރިވެވޭ، އަދި ވީހާ ވެސް ގިނަ ބަޔަކަށް ފަސޭހަކަމާ އެކު ފައިނޭންޝަލް ހިދުމަތްތައް ލިބޭނެ ގޮތަކަށް ފައިނޭންޝަލް ސެކްޓަ ބައްޓަން ކުރުމަކީ އަޅުގަނޑުމެންގެ އެންމެ މުހިއްމު އެއް ލަނޑުދަނޑި. ކޮންމެ ރަށެއްގައި ތިބި ކަމުގައި ވިޔަސް ބޭންކިންގެ ހިދުމަތާއި އިންޝުއަރެންސްގެ ހިދުމަތް އަދި އެހެނިހެން މާލީ ހިދުމަތްތައް ލިބިގެން ދިއުން އެއީ އަޅުގަނޑުމެންގެ އަމާޒަކީ،" ގަވަރުނަރު ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ ރާއްޖޭގެ މާލީ މައްސަލަތަކަށް ހައްލު ނެރެވޭނީ ދިވެހިންނަށް ކަމަށެވެ. ޓޫރިޒަމް ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާގައި މުޅި ދުނިޔެ އަށް ވެސް ރާއްޖެ ދަނީ މިސާލު ދައްކަމުން ކަމަށާއި ރާއްޖެ އަށް ދިމާވެފައިވާ މައްސަލަތަކުގެ ހައްލުހޯދުމުގެ ގާބިލުކަން ދިވެހިންގެ ކިބައިގައި އެބަހުރި ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.

އެމްއެމްއޭ އިން އަލަށް އެކުލަވާލި ސްޓްރެޓިޖިކް ޕްލޭން އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ބޭފުޅުން. ފޮޓޯ: އެމްއެމްއޭ

އެމްއެމްއޭގެ ހިންގުންތެރިކަން އަދި ގަވަނެންސް ހަރުދަނާކުރުމުގެ ގޮތުން، އެކަން ކަމަށް ހެދިފައިވާ ގަވައިދުތަކާއި އުސޫލްތައް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ކުރުމަށް ވެސް އެ ސްޓްރެޓިޖިކް ޕްލޭންގައި ހިމަނާފައިވެ އެވެ. އެގޮތުން އެމްއެމްއޭގެ ސްޓްރެޓިޖިކް ޕްލޭންގެ ދަށުން ފައިނޭންޝަލް އިންކްލޫޝަން އަދި ފައިނޭންޝަލް ލިޓްރަސީ ޕްލޭނެއް އެކުލަވާލާ ގައުމީ ލެވެލްއެއްގައި ހިންގަން ރާވާފައިވާ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭގެ ސްޓްރެޓްޖިކް ޕްލޭން އެކުލަވާލާފައި ވަނީ މައިގަނޑު ހަ ގޯލެއްގެ މައްޗަށެވެ. އެ ގޯލްތަކަކީ މަނިޓަރީ ޕޮލިސީ ހިންގުން ހަރުދަނާކުރުމާއި ފައިނޭންޝަލް ސެކްޓަރު ސްޓެބިލިޓީ ދެމެހެއްޓުމާއި ރައްކާތެރި އަދި އެފިޝަންޓް ޕޭމަންޓް ސިސްޓަމެއް ގާއިމުކުރުމާއި އެމްއެމްއޭއިން ސަރުކާރަށް ދޭ ބޭންކިން ހިދުމަތް އިތުރަށް ތަރައްގީކުރުން އަދި އެމްއެމްއޭގެ އުފެއްދުންތެރިކަމާއި ގަވަނަންސް ހަރުދަނާކުރުމާއި އިގްތިސާދީ ދިރާސާތަކާއި ތަފާސްހިސާބު ހަރުދަނާކުރުން އަދި މާލީ ދާއިރާ ތަރައްގީކުރުމާއި މާލީ ނިޒާމުގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމެވެ.