ބާޒާރުގައި ބިސް، ފިޔާ އަދި އަލުވީގެ އަގު ވަރަށް ބޮޑަށް މައްޗަށް!

ބިސް، ފިޔާ އަދި އަލުވި ބޭނުންވާ ވަރަށް ރާއްޖެ ނުގެނެވޭތީ، އެ ތަކެތީގެ އަގު ބާޒާރުގައި ވަރަށް ބޮޑަށް މައްޗަށް ހިނގައްޖެ އެވެ.


މި ވަގުތު ފިޔާ ބަސްތާއެއް 900ރ. އަށް، ބިސް ކޭހެއް 500ރ. އަދި އަލުވި ބަސްތާއެއް އުޅެނީ 450ރ. ގަ އެވެ. މާލެތެރޭގެ ފިހާރަތަކުން ފިޔާ ކިލޯއެއް ވިއްކާ އަގު ވަނީ 45ރ. އަށް އުފުލިފަ އެވެ. ކުކުޅު ބިހެއް 2.50ރ އަށް ވިއްކާއިރު އަލުވި ކިލޯއެއް ވެސް ލިބެނީ 30ރ. އަށެވެ.

ބާޒާރުގައި މިދިޔަ މަހުގެ ފަހުކޮޅު ފިޔާ ބަސްތާއެއް ވިއްކީ 240ރ. އަށެވެ. އަދި ބިސް ކޭހެއް ވިއްކީ 360ރ. އަށެވެ. އަދި އަލުވި ބަސްތާއެއް 220ރ. އަށް ލިބެ އެވެ. އަދި އޭރު ފިޔާ ކިލޯއެއް 12ރ. އަށް ވިއްކާއިރު، ބިހެއް 1.50ރ. އަށް އަދި އަލުވި 10ރ. އަށް ވިއްކަ އެވެ.

ބާޒާރުމަތީގައި ވިޔަފާރިކުރާ ފިހާރައަކުން ވާހަކަދެއްކި މީހަކު ބުނީ މި ތިން ބާވަތް ވެސް ރާއްޖެ އަށް ބޭނުންވާ ވަރަށް އެތެރެނުކުރެވޭ ކަމަށެވެ.

ދާދިފަހުން އިންޑިއާގައި ލޮރީ ޑްރައިވަރުން ކުރި ހަޅުތާލާ ގުޅިގެން ފިޔާ އާއި ބިސް އަދި އަލުވި ލިބުން އިންތިހާ އަށް ދަތިވި އެވެ.

ރާއްޖެއަށް ގިނަ އަދަދަކަށް ފިޔާ އަލުވި އަދި ބިސް އެތެރެކުރާ ކުންފުންޏަކުން ބުނީ އިންޑިއާ އިން އެ ތަކެތި ހިފައިގެން ހަފުތާއަކު ތިން ބޯޓު އަންނަ ކަމަށެވެ.

"ހަޅުތާލާ ގުޅިގެން ދާދި ފަހުން ނުގެނެވި ލަސްވުމުން އެ ޑިމާންޑާ އެއްވަރަށް ސަޕްލައި އަދިވެސް ނުކުރެވޭ. މިއަދު ވެސް އަދި މާދަމާ ވެސް ބޯޓެއް އަންނާނެ،" އެ ކުންފުނިން ބުންޏެވެ.

އެތަކެތި އެތެރެކުރާ ކުންފުނިން ބުނީ ބިހަށް ވުރެ ވެސް ފިޔާގެ ޑިމާންޑް ބޮޑުވެފައިވާ ކަމަށެވެ. އަދި އެތަކެތި އަގު ހެޔޮވާނެ ކަމަށް ލަފާކުރެވެނީ ބޮޑު އީދަށް ފަހު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"އީދާ ދިމާކޮށް މި ހަފުތާގައި ޑިމާންޑް އިތުރަށް މައްޗަށް ދާނެ. މިއީ އާއްމުކޮށް ވެސް ޑިމާންޑް މައްޗަށް ދާ ދުވަސްވަރެއް،" އެ ކުންފުނިން ބުންޏެވެ.

ިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރިކުރާ ކުންފުންޏެއްގެ ވެރިއަކު ބުނީ ފިޔާ ކިލޯއެއްގެ އަގު 45ރ. އަށް އުފުލުމުން ފިޔަވާ ވިއްކުން ހުއްޓާލާފައިވާ ކަމަށެވެ. އަދި ބިހާއި އަލުވި ވެސް ވިއްކުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު އެ ތަކެތީގެ އަގު އެ ހުރީ އާއްމުންނަށް އަތްފޯރާ ހިސާބެއްގައެއް ނޫން. އެހެންވެ މި ދުވަސްކޮޅު އެތަކެތި ނުވިއްކަން،" އެ ވިޔަފާރިވެރިޔާ ބުންޏެވެ.