އާ ގަވަރުނަރުގެ ސޮޔާއެކު 10ރ. އަދި 100ރ. ގެ ނޫޓު ޗާޕުކޮށް ހޯމަ ދުވަހު ބޭނުންކުރަން ފަށަނީ

އާ ގަވަރުނަރު އަހްމަދު ނަސީރުގެ ސޮޔާއެކު ޗާޕުކޮށްގެން ގެނައި، "ރަން ދިހަ ފަހައެއް" ސީރިޒްގައި ހިމެނޭ 10ރ. އާއި 100ރ. ގެ ނޫޓު އަންނަ ހޯމަ ދުވަހުން ފެށިގެން ބޭނުންކުރަން ފަށަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.


އެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ސްޓޮކް މަދުވުމުން އަލުން ޗާޕުކުރި ފައިސާ މިިދިޔަ ޖުލައި ފަސް ވަނަ ދުވަހު ރާއްޖެ ގެނެސް ދައުލަތުގެ ޚަޒާނާގައި ރައްކާކޮށްފައިވާ ކަމަށެވެ. އެ ފައިސާތައް، މިހާރު ދައުރުވަމުންދާ ފައިސާގެ ތެރެއަށް އަންނަ ހޯމަ ދުވަހު ނެރެން ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ.

މިހާރު މި ބޭނުންކުރާ "ރަން ދިހަ ފަހައެއް" ނޫޓު ސީރިސްގައި ހިމެނޭ 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓުތަކުގައި ސޮއިކުރައްވާފައި ވަނީ ކުރީގެ ގަވަރުނަރު ޑރ. އަޒީމާ އާދަމެވެ. އަލަށް ޗާޕުކޮށްގެން ނެރޭ 10ރ. އަދި 100ރ. ގެ ނޫޓުތަކުގައި ސޮއިކުރައްވާފައިވަނީ، މިދިޔަ އޮގަސްޓް މަހު ގަވަރުނަރަކަށް އައްޔަންކުރެއްވި ނަސީރެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، މަރުކަޒީ ބޭންކުން ޖެނުއަރީ 26، 2016 ގައި ބޭނުންކުރަން ފެށި އާ ނޫޓުތައް ހަދާފައި ވަނީ ޕޮލިމާ ކަރުދާހުގައި އާ ޑިޒައިނަކަށެވެ. އަދި އެ ނޫޓު ސީރީސް ނެރުމަށް ފަހު. ކުރީގެ ކަރުދާސް ނޫޓު ބޭނުންކުރުން ވަނީ ހުއްޓާލައިފަ އެވެ.