އެމެރިކާ އާއި ޗައިނާ އިން އިޕޯޓް ކުރާ މުދަލުން ޓެކްސް ބޮޑުކުރުން ވަގުތީ ގޮތުން މަޑު ޖައްސާލައިފި

އެމެރިކާ އާއި ޗައިނާ އިން އިމްޕޯޓް ކުރާ މުދަލުން ޓެކްސް ބޮޑުކުރުން ވަގުތީ ގޮތުން މަޑު ޖައްސާލުމަށް ދެ ގައުމުން އެއްބަސްވެއްޖެ އެވެ.


އާޖެންޓީނާގައި ބޭއްވި ޖީ20 ސަމިޓްގެ ހަވާސާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޑޮލާންޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންގް ޕިންގް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މި ބައްދަލުވުމުގައި ވަނީ ދެ ގައުމުން އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ. އަދި ވާހަކަތައް ކުރިއަށްގެންދާ އިރު 90 ދުވަހަށް ދެ ގައުމުން ވެސް އިތުރު ޓެރިފްއެއް ތައާރަފް ނުކުރުމަށް ވަނީ ނިންމާފަ އެވެ.

ޓްރަމްޕް މީގެ ކުރިން ވިދާޅުވީ، އެމެރިކާއިން ބޭނުންވާ ކަންކަމާ މެދު އެއްބަސްނުވެވިއްޖެ ނަމަ އިމްޕޯޓް ޓެރިފްގެ އަގު 200 ބިލިއަން ޑޮލަރަށް އިތުރުކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ޗައިނާގައި އުފައްދައިގެން އެމެރިކާ އަށް އެތެރެކުރާ އައިފޯނާއި ލެޕްޓޮޕާއި ކޮމްޕިއުޓަރުން ވެސް ޓެކްސް ބޮޑުކުރަން ވިސްނާ ކަމަށް އެމެރިކާ ސަރުކާރުން ބުނެ އެވެ. ވައިޓް ހައުސް އިން ވަނީ މި ނިންމުން 90 ދުވަހަށް ސަސްޕެންޑް ކުރުމަށް މިހާރު ނިންމާފަ އެވެ.

އެމެރިކާއިން ޗައިނާއާ ދެކޮޅަށް ފެށި ވިޔަފާރީގެ ހަނގުރާމައިގައި ޗާއިނާ އަށް ވެސް ގެންދަނީ އެމެރިކާ އިން އެ ގައުމަށް އެތެރެކުރާ މުދަލުން ޓެކްސް ބޮޑުކުރަމުންނެވެ.