ސްޓެލްކޯ ކައިރީގައި ހުންނަ އެފްއެސްއެމްގެ ފިއުލް ޝެޑް 24 ގަޑިއިރަށް ބަދަލުކޮށްފި

ސްޓެލްކޯ ކައިރީގައި ހުންނަ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ ޕެޓްރޯލް ޝެޑް މިރެއިން ފެށިގެން 24 ގަޑިއިރު ހުޅުވާފައި ބަހައްޓަން ނިންމައިފި އެވެ.


އެފްއެސްއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ސްޓެލްކޯގެ ކައިރީގައި ހުރި ފިއުލް ޝެޑް 24 ގަޑިއިރު ހުޅުވާފައި ބަހައްޓަން ނިންމީ ރައްޔިތުންނަށް ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސަން ކަމަށެވެ. އަދި އެގޮތަށް ނިންމީ އެސްޓީއޯގެ އިރުޝާދުގެ ދަށުން ކަމަށް އެފްއެސްއެމް އިން ބުންޏެވެ.

މާލޭގެ ތިން ސަރަހައްދެއްގައި އެފްއެސްއެމުން ތިން ޝެޑެއް ހިންގަ އެވެ. އަދި ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް ޕެޓްރޯލާއި ޑީސަލް ވިއްކުމަށް ފިއުލް ޝެޑްތައް ވަނީ ހުޅުވައިފަ އެވެ. އެއީ ހުޅުމާލެ އާއި އައްޑު އާއި ފުވައްމުލަކުގެ އިތުރުން ގދ. ތިނަދޫގަ އެވެ.

ސްޓެލްކޯ ކައިރީގައި ހުންނަ ފިއުލް ޝެޑް 24 ގަޑިއިރަށް ހުޅުވާފައި ބަހައްޓަން ނިންމީ ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖެއްސުމުންނެވެ.

އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރުމުގެ ގަވައިދު ކުރިން އޮންނަ ގޮތުން ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5 އިން ފެށިގެން އެންމެ ލަސްވެގެން މެންދަމު 12 ޖަހަންދެނެވެ.

އެ ގަވާއިދަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓިދާނެ އެވެ. އެކަމަކު އެއީ ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ސަރުކާރުގެ ހުއްދަ ލިބިފައިވާ ތަންތަނަށް ވާންޖެހޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.

ޕެޓްރޯލާއި ޑީސަލް 24 ގަޑިއިރު ވިއްކޭ ގޮތަށް ގަވާއިދު އިސްލާހު ކުރިއިރު، ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތައް ވެސް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމަކީ ސަރުކާރު ވައުދުވެފައިވާ ކަމެކެވެ. އެކަމަކު އެފަދަ ތަންތަނަށް އެ ހުއްދަ އަދި ނުދެ އެވެ.