1އެމްޑީބީގެ ކޮރަޕްޝަނާ ގުޅިގެން ގޯލްޑްމަން ސަކްސް އަށް ދައުވާކޮށްފި

ކުއާލަ ލަމްޕޫރު (ޑިސެމްބަރު 17) - މެލޭޝިއާ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ބޮޑު ޚިޔާނާތާ ގުޅިގެން، މާލީ މުއާމަލާތްތަކުގައި ހަރަކާތްތެރިވާ އެމެރިކާގެ އިންވެސްޓްމަންޓް ބޭންކެއް ކަމަށްވާ ގޯލްޑްމަން ސަކްސް އާއި އެ ކުންފުނީގެ ކުރީގެ ދެ ވެރިއަކަށް މެލޭޝިއާ ސަރުކާރުން ދައުވާކޮށްފި އެވެ.


މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ ވެރިކަމުގައި ހިންގި 1އެމްޑީބީގެ ކޮރަޕްޝަންގައި އެހީތެރިވި ކަމުގެ ތުހުމަތުގައި ގޯލްޑްމަން ސަކްސްގެ މައްޗަށް ތުހުމަތުކޮށް، މެލޭޝިއާ އިން ގެންދިޔައީ ތަހުގީގު ހިންގަމުންނެވެ.

އެ މައްސަލާގައި ދައުވާ ކުރީ ގޯލްޑްމަން ސަކްސް އާއި އެ ކުންފުނީގެ އިސް ދެ މަގާމެއް އަދާކުރި ޓިމް ލެއިސްނާ އާއި ރޮޖާ އެންޖީގެ މައްޗަށެވެ. ގޯލްޑްމަންގެ މައްޗަށް ދައުވާކުރީ 2012 އާއި 2013 ގައި 1އެމްޑީބީ އިން 2.7 ބިލިއަން ޑޮލަރުގެ ބޮންޑް ވިއްކުމުގައި ނުބައި ނިޔަތެއްގައި ގޯލްޑްމަން އިން އެހީތެރިވި ކަމަށް ބުނެ އެވެ.

މެލޭޝިއާގެ އެޓާނީ ޖެނެރަލް ޓޮމީ ތޯމަސް ވިދާޅުވީ ބޮންޑް ވިއްކުމުގެ މުއާމަލާތުގައި ގޯލްޑްމަން އިން އަދާކުރި ދައުރާ ގުޅިގެން ފީގެ ގޮތުގައި 600 މިލިއަން ޑޮލަރު އެ ކުންފުންޏަށް ލިބުނު ކަމަށާއި އެކަމަކު އެއީ މާކެޓް ރޭޓަށް ވުރެ އެތައް ގުނައެއް ބޮޑު އަގެއް ކަމަށެވެ. އެހެންވެ، ގޯލްޑްމަންގެ މައްޗަށް ތިން ބިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކުރުމަށް ދައުވާގައި އެދިފައިވާ ކަމަށް ތޯމަސް ވިދާޅުވި އެވެ.

މީގެ އިތުރުން މެެލޭޝިއާގެ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން ޓިމް އާއި ރޮޖާގެ މައްޗަށް ކުރާ ދައުވާތައް ސާބިތުވެއްޖެ ނަމަ ގިނަވެގެން 10 އަހަރުގެ ޖަލު ހުކުމަކާ އެކު، ދެ ލައްކަ ޑޮލަރުގެ ޖޫރިމަނާއެއް އަންނާނެ އެވެ. މެލޭޝިއާގެ އިތުރުން އެމެރިކާ އިން ވެސް 1އެމްޑީބީގެ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން އެ ދެ މީހުންނަށް އެ ގައުމުގެ ކޯޓެއްގައި ވަނީ ދައުވާކޮށްފަ އެވެ.

1އެމްޑީބީގެ ކޮރަޕްޝަނާ ގުޅިގެން ކުރީގެ ބޮޑުވަޒީރު ނަޖީބްގެ މައްޗަށް ވެސް ގިނަ ދައުވާތަކެއް މެލޭޝިއާ ސަރުކާރުން ކުރެ އެވެ. އޭނާ މިހާރު ހުންނެވީ ކަފާލާތުގެ ދަށުން މިނިވަންކޮށްފަ އެވެ.