ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކަށް އިނގިރޭސި ސަފީރުގެ ތައުރީފު

ރާއްޖެ އަންނަ ޓޫރިސްޓުންނަށް ދިމާވާ ހާދިސާތަކުގައި ސަލާމަތީ ހިދުމަތްތަކުން ލިބޭ އެހީތެރިކަން ފާހަގަކޮށްލެވޭ ކަމަށް، އިނގިރޭސި ވިލާތުން ސްރީ ލަންކާ އާއި ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖޭމްސް ޑޯރިސް ވިދާޅުވެއްޖެ އެވެ.


އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި، މިދިޔަ އަހަރު އެކަނި ވެސް ރާއްޖެއަށް އެއް ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އިނގިރޭސި ވިލާތުން ޒިޔާރަތްކޮށްފައިވާކަން ފާހަގަކުރެއްވި އެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ ބައްދަލުކުރައްވައި، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށާއި ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަންނަ ބައެއް ޓޫރިސްޓުންނަށް ކުރިމަތިވާ ނުރައްކަލުގެ ހާލަތްތަކުގައި ފުލުހުންނާއި ސިފައިން ދޭ ހިދުމަތްތައް ފާހަގަކުރެއްވޭ ކަމަށް ސަފީރު ވިދާޅުވި އެވެ.

ސަފީރު ވަނީ ނުރައްކަލުގެ ހާލަތުގައި ފުލުހުންނާއި ސިފައިންގެ ކޯސްޓް ގާޑުން ދޭ ހިދުމަތަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ސަފީރު މިކަން ފާހަގަކުރައްވާފައި ވާއިރު މިފަހަކަށް އައިސް ރިސޯޓުތަކުގައި ނުރައްކާތެރި ހާދިސާތައް ހިނގައި އަދި ބައެއް ޓޫރިސްޓުން ގެނބިގެން މަރުވެފައިވެ އެވެ.

މިފަދަ ހާދިސާތައް ގިނަވާތީ، ޓޫރިސްޓް ހިދުމަތްދޭ ހުރިހާ ތަނެއް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ވަނީ ފަށައިފަ އެވެ. އަދި ޓޫރިޒަމް އިންޑަސްޓްރީގެ އެކި ދާއިރާތަކަށް ހެދިފައިވާ ގަވައިދުތައް އިސްލާހު ކުރުމުގެ މަސައްކަތް ވެސް އެ މިނިސްޓްރީން ވަނީ ފަށައިފަ އެވެ.