ދިރާގުގެ ސާފު ފައިދާގެ ގޮތުގައި ލިބުނު 905 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހަނީ

މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ދިރާގަށް ލިބުނު 905 މިލިއަން ރުފިޔާ އެ ކުންފުނީގެ ހިއްސާދާރުންނަށް ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.


ޑިރެކްޓަރުންގެ ބޯޑުން ނިންމި އެ ނިންމުން ދިރާގުގެ އަހަރީ އާންމު ޖަލްސާ އިން ފާސްވެއްޖެ ނަމަ 11.91ރ. ގެ މަގުން ހިއްސާ ބަހާނެ އެވެ. ބޯޑުގެ ނިންމުން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ އަށް ހުށަހަޅާނެ އެވެ.

ދިރާގުގެ ސާފު ފައިދާ އެއްކޮށް ބެހުމަށް ނިންމާފައިވާ އިރު އެ ކުންފުނިން ވަނީ އިންޓަރިމް ޑިވިޑެންޑުގެ ގޮތުގައި ހިއްސާއަކަށް 5.96ރ. ގެ މަގުން 452.9 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހައިފަ އެވެ. އެހެންކަމުން މި އަހަރު ބާއްވާ އަހަރީ އާއްމު ޖަލްސާގައި ބަހާނީ ހިއްސާއަކަށް 5.95ރ. ގެ މަގުން 452.2 މިލިއަން ރުފިޔާ އެވެ.

ދިރާގުގެ ހިއްސާގެ ފައިދާގެ ގޮތުގައި މިދިޔަ އަހަރު ލިބުނު 897.6 މިލިޔަން ރުފިޔާ ބަހާފައިވެ އެވެ. އެއީ ހިއްސާ އަކަށް 11.81ރ. އެވެ.

އެހެންވެ، ހިއްސާދާރުންނަށް މި އަހަރު ބެހުމަށް ނިންމާފައިވަނީ 10 ލާރި ބޮޑު އަދަދެކެވެ.

ދިރާގުން ވަނީ މިދިޔަ ހަތް އަހަރު ދެމެހެއްޓެނިވި ފައިދާއެއް ހިއްސާދާރުންނަށް ބަހައިފަ އެވެ. މިދިޔަ އަހަރު އެ ކުންފުނީގެ ހިދުމަތްތައް ޒަމާނީ ކުރުމަށް ބޮޑު ހޭދައެއް ކޮށްފައި ވެ އެވެ.