އަހަރީ ދުވަހާ ގުޅިގެން ޓްރީ ޓޮޕުން ހާއްސަ ހިދުމަތްތަކެއް

ޓްރީ ޓޮޕް ހޮސްޕިޓަލަށް އެއް އަހަރު ފުރުމުގެ މުނާސަބާއާ ގުޅިގެން ބާއްވަން ހަމަޖައްސާފައިވާ "ވެލްނެސް ކޭމްޕް" އާއި "މެޑިކަލް ޕެކޭޖު" ތައާރަފްކޮށްފި އެވެ.


މީގެ ތެރެއިން ވެލްނެސް ކޭމްޕްގެ ހަރަކާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މާޗު 9 ވަނަ ދުވަހުގެ ހެނދުނު 9 އިން ހަވީރު 6 އަށެވެ.

މި ޕްރޮގްރާމުގެ ދަށުން ތަޖުރިބާކާރު ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ހިލޭ ލިބޭނެ އެވެ. އެގޮތުން ކަށީގެ ބަލިތަކާއި އަންހެނުންނަށް ހާއްސަ ބަލިތަކުގެ އިތުރުން ޖެނެރަލް ސާޖަރީ އާއި އެތެރެ ހައްޓާއި ކަރުން މައްޗާއި ކުޑަކުދިންގެ، ހަމުގެ ބަލިތަކުގެ އިތުރުން ކިންނީގެ ބަލިތަކަށް ފަރުވާ ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި ޕްލާސްޓިކް ސާޖަރީގެ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

މި ކޭމްޕްގައި ބައިވެރިވާ ފަރާތްތަކަށް މާޗު 9 ވަނަ ދުވަހުން ފެށިގެން ދެ ހަފްތާ ތެރޭގައި ފޮލޯއަޕް ކޮންސަލްޓޭޝަނެއް ވެސް ހިލޭ ލިބޭނެ އެވެ. އަދި ލެބޯޓަރީ އާއި ރޭޑިއޮލޮޖީ ޓެސްޓްތައް ހަދާ ނަމަ 10 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ.

ޓްރީ ޓޮޕުން ކެޔާ ޕެކޭޖްގެ ނަމުގައި އަންހެނުންނާއި ފިރިހެނުންނަށް މެޑިކަލް ޗެކަޕެއް ހެދުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު މި ޕެކޭޖުގެ ތެރެއިން ފިޒިކަލް އެގްޒަމިނޭޝަނާއި ލެބޯޓަރީ ހިދުމަތް ލިބޭނެ އެވެ. މި ޕެކޭޖުގެ ތެރެއިން 40 އަހަރުން މަތީގެ މީހުން 1500ރ. ދައްކަންޖެހޭ އިރު 40 އަހަރުން ދަށުގެ މީހުން 1000ރ. ދެއްކުމުން މެޑިކަލް ޗެކަޕް ހެއްދޭނެ އެވެ.

މިދިޔަ އަހަރުގެ މާޗު އެއްވަނަ ދުވަހު ހުޅުވި ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ ބައިނަލްއަގްވާމީ ފެންވަރުގައި ސިއްހީ ހިދުމަތް ރާއްޖޭގައި ދިނުމެވެ.