ގްލޯބަލް މަނީ ވީކް ކެމްޕެއިން ފަށައިފި

ފައިސާގެ މުހިއްމުކަމާއި އިގްތިސާދު ކުރެވޭނެ ރަނގަޅު ގޮތްތަކާ ގުޅޭ ގޮތުން ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ގްލޯބަލް މަނީ ވީކް ކެމްޕެއިން މިއަދު ފަށައިފި އެވެ.


މި ކެމްޕެއިން އޮންނާނީ މި މަހުގެ 25 އިން 30ގެ ނިޔަލަށެވެ.

ގްލޯބަލް މަނީ ވީކް އިފްތިތާހުކުރުމަށް އިސްކަންދަރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ، ލިބޭ އާމްދަނީން ދެކޮޅުޖެއްސުމަށް ކުޑައިރުއްސުރެ ދަސްކުރަން ޖެހޭ ކަމަށާއި ކުޑަކުދިންނަށް ލިބޭ ޕޮކެޓްމަނީގެ މައުލޫމާތު މިހާރުން ފެށިގެން ރެކޯޑްކުރަން ދަސްކުރަންޖެހޭ ކަމަށެވެ. އެގޮތުން ފައިސާ ލިބުނުވަރާއި ހަރަދު ކުރެވުނު ވަރު ބަލައިގެން އުޅެން ފަށައިފި ނަމަ މުސްތަގުބަލުގައި އެކަމުގެ ފައިދާ ކޮންމެ ކުއްޖެއްގެ ދިރިއުޅުމުން ވެސް ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ، ކުޑަކުދިންގެ އިތުރުން ޒުވާނުން ވެސް ފަހަށް ރައްކާކުރުމުގެ ޕްލޭނުތައް ބަލައި އެކަން ކުރުމުގައި ހުރި ފުރުސަތުތައް ބަލަންޖެހޭ ކަމަށެވެ.

ގަވަރުނަރު އަހުމަދު ނަސީރު ވާހަކަދައްކަވަނީ--ފޮޓޯ:ނިޝާން އަލީ/މިހާރު

ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް މާލޭގެ އިތުރުން އަތޮޅުތަކުގެ އެކި ރަށްރަށުގައި ވެސް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

މި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ އިބްރާހިމް ހަސަން ވެސް ވަނީ ބައިވެރިވެފަ އެވެ.

ގްލޯބަލް މަނީ ވީކަކީ ޗިލްޑްރަން އެންޑް ޔޫތު ފައިނޭންސް އިންޓަނޭޝަނަލުން އިސްނަގައިގެން 2012 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ބައިނަލްއަގުވާމީ ބޮޑު ކެމްޕޭނެކެވެ.

މި އަހަރު ރާއްޖޭގައި ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް ބާއްވާނީ އެމްއެމްއޭގެ އިސްނެގުމާ އެކު އެޑިއުކޭޝަން މިނިސްޓްރީ އާއި މާލީ ދާއިރާގެ ފަރާތްތަކާއި ކުންފުނިތަކުގެ ބައިވެރިވުމާ އެކު އެވެ. އެގޮތުން ސްކޫލްތަކާ ގުޅިގެން ހިންގާ ހަރަކާތްތަކާއި ކުރެހުމުގެ މުބާރާތަކާއި ވީޑިއޯ ހެދުން އަދި ޒުވާން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ވިޔަފާރީގެ ފޯރަމެއް ބޭއްވުން ވަނީ ހަމަޖެހިފަ އެވެ.

ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް ނިންމާލުމަށް ހަމަޖެހިފައި ވަނީ ކުޑަކުދިންގެ ހަވީރަކުންނެވެ.