ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޕްރޮގްރާމަށް ދިރާގުން އެހީވެއްޖެ

ކެއާ ސޮސައިޓީން ކުރިއަށްގެންދާ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.


ކެއާ ސޮސައިޓީން ކުރިއަށްގެންދާ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެކި މަސައްކަތްތައް ދަސްކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން ކޮމްޕިއުޓާ ސްކިލްސް އާއި ފެހުމާއި ޑިޒައިން ކުރުން ފަދަ ކަންތައްތައް ދޮސްކޮށްދެ އެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދަނީ، ނުކުޅެދުންތެރިކަން ހުންނަ ކުދިން ބޮޑުވެގެން އަންނަ އިރު އަމިއްލަ އަށް އާމްދަނީއެއް ހޯދޭނެ ގޮތްތަކެއް ހޯދުމަށް މަގު ފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށް ކެއާ ސޮސައިޓީން ބުނެ އެވެ.

ދިރާގުން އަންނީ މިފަދަ ތަފާތު ޕްރޮގްރާމުތަކަށް އެހީވަމުން-- ފޮޓޯ: ދިރާގު

ކެއާ ސޮސައިޓީގެ އެގްޒެކެޓިވް ޑިރެކްޓަރު ނައުޝަން މުހައިމިން ވިދާޅުވީ ދިރާގު ފަދަ ކުންފުނިތަކުން ދޭ އެހީގެ ސަބަބުން ތަފާތު އެންޖީއޯތަކުން ކުރިއަށްގެންދާ މިފަދަ ޕްރިގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައިި ކުރިއަށްގެންދެވޭނެ ކަމަށެވެ. ތިން އަހަރު މެދު ނުކެނޑި މި ޕްރޮގްރާމް ކުރިއަށްގެންދެވުނީ ވެސް ދިރާގުން ދޭ އެހީގެ ސަބަބުން ކަމަށް ނައުޝަން ވިދާޅުވި އެވެ.

ދިރާގުން އަންނަނީ ރާއްޖޭގެ އެކި އެންޖީއޯތަކުން ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކަށް އެއްބާރުލުން ދެމުންނެވެ. އެގޮތުން އޯޓިޒަމް އެސޯސިއޭޝަނާއި، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތު ޑިސްއެބިލިޓީސް އާއި، ބިއުޓިފުލް އައިސް، ޑައުން ސިންޑްރޯމް އެސޯސިއޭޝަން ފަދަ އެންޖީއޯތަކުގެ ޕްރޮގްރާމްތަކަށް ދިރާގުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.