އެޕުން ފެން ބިލް ދައްކާ މީހުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

އެމްޑަބްލިއުއެސްސީގެ އެޕްލިކޭޝަން ބޭނުންކޮށްގެން ފެން ބިލް ދައްކާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.


"އަޅައިގެން 5 ހާސް" ގެ ނަމުގައި ހިންގާ މި ޕްރޮމޯޝަނުގައި އެޕް ބޭނުންކޮށްގެން ފެން ބިލް ދައްކާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ 20 ފަރާތަކަށް 5،000ރ. ގެ އިނާމެއް ދިނުމަށް ވަނީ ނިންމާފަ އެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 30ގެ ނިޔަލަށް ބިލް ދައްކާ ފަރާތްތަކަށެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެ ކުންފުނިން ފެނުގެ ހިދުމަތް ދޭ ހުރިހާ ރަށެއް ވެސް މި ޕްރޮމޯޝަނުގައި ހިމެނޭނެ ކަމަށެވެ. އެ ކުންފުނިން ހިދުމަތް ދޭ ރަށްތަކުގެ ތެރޭގައި މާލެ، ހުޅުމާލެ، ވިލިނގިލި، ކ. މާފުށި، ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުށި ހިމެނެ އެވެ. މީގެ އިތުރުން ރ. ދުވާފަރުގެ ޔުޓިލިޓީ ބިލްތައް ދައްކާ ފަރާތްތައް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިކުރެ އެވެ.

އެޕްލިކޭޝަނުން ލިބޭ ހިދުމަތްތައް

- ފެން ބޭނުންކުރެވޭ މިންވަރު ބެލުން.

- ފާއިތުވި މަސްތަކުގެ ބިލްތަކާއި ފައިސާގެ ތަފްސީލް ބެލުން.

- އެއް އެކައުންޓަށްވުރެ ގިނަ އެކައުންޓުގެ ތަފްސީލް ބެލުން.

- ފޯނަށް ބިލް ސޭވް ކުރުން.

- ބިލާ ގުޅޭގޮތުން ނޮޓިފިކޭޝަންތައް ލިބުން.

- ލައިވް ޗެޓް ކުރުން.

އެމްޑަބްލިއުއެސްސީގެ އެޕްލިކޭޝަން ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ޑައުންލޯޑު ކުރެވޭނެ އެވެ. މިއީ ކިޔޫގައި ނުޖެހި ފަސޭހައިން ފެން ބިލް ދެއްކޭނެ ގޮތް ހެދުމަށް އެ ކުންފުނިން ހެދި އެޕްލިކޭޝަނެކެވެ.