މާލޭގެ ކޮމާޝަލް ހާބަރު ސަރަހައްދުގައި ބަހައްޓާފައިވާ ކޮންޓެއިނަރުތަކެއް:. ފޮޓޯ: ކަސްޓަމްސް
09 އޮކްޓޯބަރ 2019 - 18:14
މިދިޔަ މަހު އިމްޕޯޓްކުރި މުދަލާއި އެކްސްޕޯޓް ކުރި މުދާ ވެސް އިތުރުވެ އާމްދަނީ އިތުރުވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
ކަސްޓަމުން މިއަދު ނެރުނު ތަފާސް ހިސާބު ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެ އަށް އިމްޕޯޓްކުރި މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާ އިރު ހަތަރު ޕަސެންޓު ވަނީ އިތުރުވެފަ ކަމަށެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި އެތެރެކުރީ 3.7 ބިލިއަން ރުފިޔާގެ މުދަލެވެ. މި އަހަރު ސެޕްޓެމްބަރުގައި 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރި އެވެ.
މި އިތުރުވުމާ އެކު މިދިޔަ މަހު ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާ އިރު ނުވަ ޕަސެންޓު އިތުރުވެފައިވާ ކަމަށް ވެސް ކަސްޓަމުން ބުންޏެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 262 މިލިިއަން ރުފިޔާ ލިބުނު އިރު، މިދިޔަ މަހު ލިބުނީ 286 މިލިއަން ރުފިޔާ އެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 166 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރި އެވެ. މިދިޔަ އަހަރު އެކްސްޕޯޓުކުރީ 136 މިލިއަން ރުފިޔާގެ މުދަލެވެ.
ކަސްޓަމުން ބުނި ގޮތުގައި މިދިޔަ މަހު އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޔޫއޭއީ، ޗައިނާ އަދި އިންޑިއާ އެވެ. ޔޫއޭއީ އިން 720 މިލިއަން ރުފިޔާގެ މުދާ، ޗައިނާ އިން 703 މިލިއަން ރުފިޔާ އަދި އިންޑިއާ އިން 370 މިިލިއަންގެ މުދާ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ.
އޭގެތެރެއިން ތައިލޭންޑާއި ސިންގަޕޫރާއި މެލޭޝިއާ އާއި ފްރާންސާއި އިނގިރޭސި ވިލާތާއި ޖަރުމަން ވިލާތާއި އެމެރިކާ އިން ވެސް މުދާ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭބެ
10 October 2019
ތިކަން ވިޔަފާރިއަކުން އަދި މީހުންގެ ވޮލެޓަކުން ނެނގޭ... ޔޯއޮލަ ވާހަކަ ނުދައްކާ
ބަބުރުލް ސަލީމް
09 October 2019
މަޑުމަޑުން ނަމަވެސް ކުރިޔަށް އެބަ ކަނޑާ ދެއްތޯ؟
ހިޔަޅު
09 October 2019
ކޯޗެއް ކުރިއަށް ކަނޑަނީ؟ 6 މަސް ވަންދެން އިންތިހާއަށް އެކްސްޕޯޓާއި އިމްޕޯރޓް ހުރެފަ 1 މަހު ތިހެން ދިޔައީމަ ކުރިއަށް ކަނޑަނީތަ. 3 މަހަށް ބަލާބަލަ.