5 މިލިއަނަށް ވުރެ ކުޑަ ޕްރޮޖެކްޓުތައް ކައުންސިލްތަކަށް ދޭން ނިންމައިފި

ގައުމީ އިދާރާތަކުން ރަށްރަށުގައި ހިންގާ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކުގެ ތެރެއިން ފަސް މިލިއަން ރުފިޔާއަށް ވުރެ ކުޑަ ޕްރޮޖެކްޓުތައް ރަށު ކައުންސިލްތަކާ ހަވާލުކުރަން ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.


ފިނޭންސުން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނީ އެއް އަތޮޅެއްގެ އެއް ރަށަށް ވުރެ ގިނަ ރަށްރަށުގައި ޕްރޮޖެކްޓުތައް ހިންގާ ނަމަ އެ ޕްރޮޖެކްޓެއް ހަވާލުކުރަން ޖެހޭނީ އަތޮޅު ކައުންސިލާ ކަމަށެވެ. މި ބާވަތުގެ ޕްރޮޖެކްތުތަކަކީ ދިފާއީ ބާރުތަކުން ހިންގާ ޕްރޮޖެކްޓުތައް ނޫން ޕްރޮޖެކްޓުތަކެވެ.

މި ސާކިއުލާގައި ބުނެފައިވާ ގޮތުގައި ސިޓީ ކައުންސިލްތަކާ ހަވާލުކުރަން ޖެހޭނީ ގައުމީ އިދާރާއަކުން އެ ސިޓީއެއްގައި ހިންގާ ޕްރޮޖެކްޓުތަކުގެ ތެރެއިން 15 މިލިއަން ރުފިޔާ އަށް ވުރެ ކުޑަ ޕްރޮޖެކްޓުތަކެވެ. މި އަގުތަކަށްވުރެ ބޮޑުކޮށް ޕްރޮޖެކްޓު ހިންގި ނަމަވެސް އެ އިދާރާއަކުން ކަނޑައަޅާ އުސޫލެއްގެ ދަށުން ކައުންސިލްތަކާ ހަވާލު ކުރެވިދާނެ އެވެ.

ގައުމީ އިދާރާތަކުން ހިންގާ ޕްރޮޖެކްޓުތައް އަގު ކުރާނީ މުޅި ޕްރޮޖެކްޓު އެކީގަ އެވެ. އެގޮތުން، އަހަރުތަކަށް ބަހާލައިގެން ކުރިއަށްގެންދާ ޕްރޮޖެކްޓުތަކާއި ޕްރޮޖެކްޓެއްގެ ބާވަތުން އެއާއެކު ހިންގަން ޖެހޭ އެހެން ޕްރޮޖެކްޓުތައް އަގު ކުރަން ޖެހޭނީ އެކީގައި ކަމަށް ފިނޭންސުން ވަނީ އަންގައިފަ އެވެ.

ކައުންސިލްތަކާ ހަވާލުކުރާ ޕްރޮޖެކްޓުތައް ހިންގުމަށް ކޮންމެ ކައުންސިލަކުން ވެސް ކޮންޓްރެކްޓު މެނޭޖަރެއް ނަގަން ޖެހޭނެ ކަމަށް ވެސް ފިނޭންސުން ބުނެ އެވެ. ޕްރޮޖެކްޓުގެ މަސައްކަތް ހިނގާ ގޮތް ބެލުމާއި، ކޮންމެ މަހެއްގެ ރިޕޯޓު ޕީއެސްއައިޕީ މޮނިޓަރިން ޕޯޓަލް އަށް އެޅުމަކީ އެ މެނޭޖަރުގެ ޒިންމާއެކެވެ.

ގައުމީ އިދާރާތަކުން ހިންގާ ޕްރޮޖެކްޓުތައް ކައުންސިލްތަކާ ހަވާލުކުރުމަށް ފަހު އެ ޕްރޮޖެކްޓަކަށް ކަނޑައަޅާ ބަޖެޓު ކައުންސިލުގެ ބަޖެޓަށް ބަދަލު ކުރާނެ އެވެ. އަދި އެ ބަޖެޓުން ހަރަދު ކުރަން ޖެހޭނީ ހަމައެކަނި ކަނޑައެޅިފައިވާ ޕްރޮޖެކްޓަށް ކަމަށް ފިނޭންސުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.