ކޮކާ ކޯލާ ލޯންގް ރަން އޭޕްރިލް 10 ގައި

ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އާ ގުޅިގެން ކޮންމެ އަހަރަކު މިހާރު ބާއްވަމުން އަންނަ ކޮކާ ކޯލާ ލޯންގް ރަން 10 އޭޕްރިލް ގައި ކުރިއަށް ގެންދަން ތައްޔާރުވެއްޖެ އެވެ.


މެއިން ސްޕޮންސަރު ކަމަށް ވާ ކޮކާ ކޯލާގެ އިތުރުން ދުވުމުގެ އެހެން އެހީންތެރިންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުން މިއަދު ޓީއެފްޖީގައި އޮތެވެ.

ޓީއެފްޖީން 2013 ގައި ފެށި ކޮކާ ކޯލާ ލޯންގް ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިއިރު 2،000 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވެ އެވެ.

ކޮކާ ކޯލާ ލޯންގް ރަންގައި ބައިވެރިވާ ބޭނުންވާ މީހުންނަށް ޓީއެފްޖީންނާއި www.gotorace.com އިން އޮންލައިން ކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ. އަންނަ މަހު 20ގެ ކުރިން މި ދުވުމުގައި ރަޖިސްޓްރީ ވާން ވެސް ޖެހެ އެވެ.

ހުޅުމާލޭގައި ބާއްވާ މި ދުވުމުގައި މެރެތަން (42.2 ކިލޯމީޓަރު) އާއި ހާފް މެރަތަން (21.1 ކިލޯމީޓަރު)ގެ އިތުރުން 10 ކިލޯމީޓަރާއި ފަސް ކިލޯމީޓަރުގެ ރޭސް އޮންނާނެ އެވެ.

މި ދުވުމުގެ އިތުރުން ވެސް މި އަހަރާއި އަންނަ އަހަރަށް ބަހާލައިގެން ޓީއެފްޖީން ވަނީ ދުވުމުގެ ތަފާތު ހަރަކާތްތައް ބާއްވަން ނިންމައިފަ އެވެ. އޭގެ ތެރޭގައި ޓީއެފްޖީ ކަލަ ރަން އާއި ރަނިން އައްޑު އާއި ބޮޑު ހާފް އަދި ރަނިން ލާމު ހިމެނެ އެވެ.

ލޯންގް ރަންގެ އިތުރުން މިއަހަރު ބާއްވާ ދެވަނަ ދުވުން (ރަނިން ރަން) އޮންނާނީ އަންނަ މާޗު 13 ވަނަ ދުވަހުގަ އެވެ. މި ދުވުމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.