ރާއްޖޭގެ ގެސްޓްހައުސްތަކުގެ ހާލަތު ބަލަން ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ސާވޭއެއް ކުރަން ފަށައިފި އެވެ.
ގޭމް އިން ބުނީ ކޮރޯނާވައިރަސްއާ ގުޅިގެން ގެސްޓްހައުސްތަކުގެ ހާލަތާއި ހިންގާ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ދިމާވާ އުނދަގޫތަކުން އަރައިގަތުމަށް އަޅާނެ ފިޔަވަޅުތައް، އެ ސާވޭއިން ދެނެގަނެވޭނެ ކަމަށެވެ.
ކޮރޯނާވައިރަސްއާ ގުޅިގެން ޗައިނާ އާއި އިޓަލީގެ އިތުރުން އެހެން ގައުމުތަކުން ވެސް ރާއްޖެ އަންނަ ޓޫރިސްޓުން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. މިކަމުގެ އަސަރު އެންމެ ބޮޑަށްކުރަނީ، އެކި ރަށްރަށުގައި ހުރި ގެސްޓްހައުސްތަކަށެވެ. ގިނަ އަދަދެއްގެ ގެސްޓްހައުސްތައް މިހާރު ހުރީ ހުސްކޮށެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޑްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނީ ކޮވިޑް-19 އާ ގުޅިގެން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 1،376 ޓޫރިސްޓުންގެ ބުކިން ކެންސަލްކުރާ ކަމަށެވެ. މިއީ މަހެއްގެ މައްޗަށް 41،289 ބުކިންނެވެ.
މި އަހަރުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް 29 ޕަސެންޓަށް ދަށްވާނެ ކަމަށް ލަފާކުރެ އެވެ.
މި އަހަރު ފެށުނު އިރު ޓޫރިޒަމް ދާއިރާ އަށް ޕަސެންޓްގެ ކުރިއެރުމެއް ލިބޭނެ ކަމަށް ލަފާކުރި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިދިއަ ބުރާސްފަތިދުވަހު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު 0.5 ޕަސެންޓާއި މައިނަސް 5.6 ޕަސެންޓުން މި އަހަރު ދަށްވުން އެކަށީގެންވާ ކަމަށެވެ.