ހޮލިޑޭ އިން ކަނޑޫމާ ރިސޯޓުން ތިން މަހުގެ މުސާރައާ އެކު މުވައްޒަފުންނަށް ޗުއްޓީ ދޭން ނިންމައިފި އެވެ.

އެ ރިސޯޓުން މިގޮތަށް ނިންމާފައި މި ވަނީ ކޮރޯނާވައިރަސްއާ ހެދި ޓޫރިސްޓުން އައުން ހުއްޓި ރިސޯޓްތައް ބަންދުކުރަން ޖެހުމުން ބައެއް ރިސޯޓުތަކުގެ މުވައްޒަފުން ނޯ ޕޭ ލީވްގަ އާއި މުސާރައިން ބައެއް އުނިކުރާ ގޮތަށް ރަށަށް ފޮނުވަން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ.

ކަނޑޫމާ ރިސޯޓުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ރިސޯޓުން އެންމެ އިސްކަން ދެނީ މުވައްޒަފުންނަށް ކަމަށާއި މި ދަނޑިވަޅުގައި އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ވެސް ކުރާނެ ކަމަށެވެ. އަދި މިހާރު ފެތުރިފައިވާ ބަލިމަޑުކަމާ ގުޅޭ ގޮތުން ސަރުކާރާއި އެޗްޕީއޭގެ ނިންމުންތަކާ އެއްގޮތައް ރިސޯޓުގެ ހިންގުން ކުރިއަށްގެންދާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ކޮރޯނާވައިރަސް ކޮންޓްރޯލްކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި، ރިސޯޓުތަކުގެ މުވައްޒަފުންނަށް ރިސޯޓު ދޫކޮށް ދެވޭނީ އެ ރިސޯޓެއްގައި ހުރި އެންމެ ފަހުގެ ޓޫރިސްޓު ފުރާތާ 14 ދުވަސް ފަހުން ނުވަތަ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކޮށް ކޮރޯނާވައިރަހަށް ޓެސްޓްކޮށްފަ އެވެ.

ކަނޑުމާ އިން ބުނީ އެ ރިސޯޓްގައި މިވަގުތު ހުރި އެންމެ ފަހުގެ ޓޫރިސްޓު ފުރުމާއެކު މުވައްޒަފުން ރަށަށް ފޮނުވުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ހޮލިޑޭ އިން ކަނޑޫމާ ހިންގަނީ އިންޓަކޮންޓިނެންޓަލް ހޮޓެލް ގްރޫޕުންނެވެ. މި ރިސޯޓުގައި ދިވެހި އަދި ބިދޭސީ މުވައްޒަފުންނާއެކު 380 އެއްހާ މުވައްޒަފުން މަސައްކަތް ކުރެ އެވެ.

ކަނޑޫމާ ރިސޯޓުގެ އިތުރުން ހެޕީ މާކެޓުން ހިންގާ ރިސޯޓުތަކުން ވެސް ވަނީ ފުލް މުސާރައާއެކު މުވައްޒަފުންނަށް ޗުއްޓީ ދޭން ނިންމައިފަ އެވެ. އަދި ވެލާ އިން ވަނީ މުސާރައިގެ އިތުރުން އެލަވަންސެއް ވެސް ދޭން ނިންމައިފަ އެވެ.