ޔޫއޭއީގައި ތިބި ދިވެހި އާއިލާތަކަށް ފޮނުވާ "ކެއާ ޕެކޭޖުތައް" ބަލައިގަތުން ފޮރިން މިނިސްޓްރީން މަޑުޖައްސާލައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކެއާ ޕެކޭޖުތައް ބަލައިގަތުން މަޑުޖައްސާލީ މާލޭން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހަކު ފެނި މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން ކަމަށެވެ. އަދި ޕެކޭޖުތައް ބަލައިގަންނާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

ޔޫއޭއީގެ އިތުރުން ދިވެހިން ދިރިއުޅޭ އެކި ގައުމަތަކަށް ޕެކޭޖުތައް ގެންދިއުމަށް ފޮރިން މިނިސްޓްރީއާ މޯލްޑިވިއަން ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިއަދު ވެސް ތައިލެންޑުގައި ތިބި އާއިލަތަކަށް ފޮނުވާ ޕެކޭޖުތަކާއެކު މޯލްޑިވިއަންގެ ބޯޓެއް ވަނީ ފުރާފަ އެވެ.

ޔޫއޭއީގެ އިތުރުން ކެއާ ޕެކޭޖުތައް މީގެ ކުރިން ފޮނުވާފައިވާ ގައުމުތަކުގެ ތެރޭގައި އިންޑިއާ އާއި ސްރީ ލަންކާ އާއި މެލޭޝިއާ ހިމެނެ އެވެ.

މާލެ ސަރަހައްދު 42 ގަޑިއިރަށް ލޮކްޑައުން ކޮށްފައިވަނީ އިއްޔެ މާލެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. މިިހާތަނަށް މާލެއިން ތިން މީހަކު ޕޮޒިޓިވް ވެފައިވާއިރު ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 23 އަށް އަރައިފަ އެވެ.