ފޮނުވާލަން ޖެހޭ 20،000 ބިދޭސީން އެބަތިބި: މަސީ

ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން 20،000އެއްހާ ބިދޭސީންނަކީ މިހާރުން މިހާރަށް ފޮނުވާލަން ޖެހޭ މީހުން ކަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ބުނެފި އެވެ.


މަސީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) ވިދާޅުވީ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ތެރޭގައި 40،000-50،000އާ ދެމެދުގެ އަދަދަކަށް ބިދޭސީން އުޅޭ ކަމަށެވެ. މީގެ އިތުރުން އެ އިންޑަސްޓްރީގައި ސީދާ ގޮތުންނާއި ނުސީދާގޮތުން ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ 50،000 މުވައްޒަފުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަނާ ވިދާޅުވީ މާލޭގައި މިވަގުތު ބިދޭސީން އިތުރުވެފައިވަނީ ރިސޯޓުތަކުގައި މަސައްކަތް ކުރަން ގެންދިޔަ ބިދޭސީން ކޮވިޑް-19 ފެތުރުމާ ގުޅިގެން ފޮނުވާލުމުން ކަމަށެވެ. އަދި މިދުވަސްކޮޅު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަންނަން ފަސޭހަ ވާނެ ކަމަށާއި އެމީހުން ގެންދިއުމަށް ކުރިން ވެސް ސަރުކާރަށް ލަފާ އެރުވި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މަގުމަތީގައި ގިނަވެފައި ތިބި ގިނަ ބިދޭސީންނަކީ ރިސޯޓުތަކުގައި މަސައްކަތް ކުރަން ގެންގޮސްފައި މި ކަންތަކާ ހުރެ ފޮނުވާލި މީހުން. މިހާރުން މިހާރަށް ފޮނުވާލަން ޖެހޭ މީހުންގެ ތެރޭގައި ގާތްގަޑަކަށް 20،000އެއްހާ މީހުން އުޅޭނެ." ޖަނާ ވިދާޅުވި އެވެ.

ޖަނާ ވިދާޅުވީ މިވަގުތު ބައެއް ބިދޭސީން ފޮނުވާލި ނަމަވެސް ހުރިހާ އެންމެން ފޮނުވާލައިފިއްޔާ އިމާރާތް ކުރުމުގެ ދާއިރާއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. އެގޮތުން، ކުރިއަށް އޮތްތާނގައި ވެސް ބިދޭސީންގެ އެހީތެރިކަން ބޭނުންވާނެ ކަން އެނގެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަޖެހޭ ކުރިއަށް އޮތްތާނގައި ވެސް ބިދޭސީ މަސައްކަތްތެރިން ބޭނުންވާނެ ކަން އެނގި އެ މީހުންނަށް ރަނގަޅު އެކޮމޮޑޭޝަނާއި ކެއުން ދޭން." ޖަނާ ވިދާޅުވި އެވެ.

ކޮވިޑް-19ގެ ސަބަބުން ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ގެއްލުން ވެފައިވާއިރު އަލުން ދާއިރާ ކުރިއެރުވުމުގައި ލޭބަރުންގެ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭ ކަމަށް ވެސް މަސީން ބުނެ އެވެ. އެގޮތުން އެ އެސޯސިއޭޝަނުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ލޭބަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޭނުންވާ ސިއްހީ އާލަތްތައް (މާސްކު، އަންގި ފަދަ ތެކެތި) ހޯދަން ޖެހޭ ކަމަށެވެ.

މަސީން އަންނަނީ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ އަލުން އިއާދަ ކުރުމަށް ބޭނުންވާނެ ސޭފްޓީ ގައިޑްލައިނެއް ވެސް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ގައިޑްލައިނަކީ އެޗްޕީއޭއިން ގަބޫލު ކުުރާނެ ގައިޑްލައިނަކަަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މަސީން ބުންޏެވެ.