ރާއްޖޭގައި މިހާރު ފެތުރިފައިވާ ކޮވިޑް-19 އިން ސަލާމަތްވުމާއި އެ ބައްޔާ ގުޅޭ އެހެނިހެން ކަންކަމަށް މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިތުރު 25 މިލިއަން ރުފިޔާ ޚަރަދު ކޮށްފި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ރޭ އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ ހަފުތާއާ ހަމައަށް ކޮވިޑް-19 ގެ ހަރަދުތަކަށް 892.3 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. އޭގެ ކުރީ ހަފުތާގައި ހޭދަކުރީ 866.9 މިލިއަން ރުފިޔާ އެވެ.

މިދިޔަ ހަފްތާގައި އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި އައިޖީއެމްއެޗަށެވެ. މީގެ ތެރެއިން އައިޖީއެމްއެޗަށް ބޭނުންވާ ތަކެތި ގަތުމަށް އެކަނި 4.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި އެންޑީއެމްއޭ އިން މިދިޔަ ހަފްތާގައި ގާތްގަނޑަކަށް 17 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިދިޔަ ހަފްތާގައި އައިޖީއެމްއެޗަށް ބޮޑު ހޭދައެއް ކުރި ނަމަވެސް ކޮވިޑް-19 އަށް ކޮށްފައިވާ ޖުމްލަ ހަރަދުގެ ބޮޑު ބައެއް ހިއްސާ ކުރަނީ އެންޑީއެމްއޭ އާއި ހެލްތު މިނިސްޓްރީއަށެވެ.

އެންޑީއެމްއޭ އަށް މިހާތަނަށް 584 މިލިއަން ހޭދަވި އިރު ހެލްތު މިނިސްޓްރީއާ ގުޅޭ ކަންކަމަށް 141 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށާއި އެ ބަލި ޖެހޭ މީހުންނާ ގުޅޭ ކަންކަމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ އެ ދެ އިދާރާއިންނެވެ.

މި ހަރަދުތަކުގެ އިތުރުން ނޭޝަނަލް ޕްލޭނިން މިނިސްޓްރީން އާއި އެމްއެންޑީއެފާއި ފޮރިން މިނިސްޓްރީ އާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އާއި އިިމިގްރޭޝަނާއި އައިޖީއެމްއެޗާއި ޖެންޑާ މިނިސްޓްރީ އާއި ފުލުހުންގެ އިދާރާ އަށް ވެސް ހޭދަކޮށްފައިވެ އެވެ.

ރާއްޖޭން މިހާތަނަށް 1،800 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އިރު ހަތް މީހުން ވަނީ މަރުވެފަ އެވެ. ކޮވިޑް-19 އާ ދެކޮޅަށް ކުރާ ހޭދައިން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ބައްޔަށް ޓެސްޓް ކުރުމާއި ޕާސަނަލް ޕްރޮޓެކްޓިކް އިކުއިޕްމެންޓް (ޕީޕީއީ) އާއި ބޭހަށެވެ. ވެންޓިލޭޓަރު ހޯދުމަށާއި އައިސޮލޭޝަން ފެސިލިޓީތަކަށާއި ބަލިމީހުންނަށް ފަރުވާދޭނެ ފެސިލިޓީތަކަށް ބޮޑު ހޭދައެއް ދެ އެވެ.

ސަރުކާރުން ލަފާކޮށްފައިވާ ގޮތުން ސިއްހީ ހިދުމަތްތަކަށް ކުރާ ހޭދަތައް 3.3 ބިލިއަނަށް އަރާނެ އެވެ. މިހާތަނަށް ބޭރުގެ މާލީ އިދާރާތަކުން 988 މިލިއަން ރުފިޔާގެ މާލީ އެހީ ލިބިފައިވެ އެވެ.