ފްލައިމީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަނީ

ވިލާ އެއާގެ ދަށުން އޮޕަރޭޓްކުރަމުން އަންނަ ޑޮމެސްޓިކް އެއާލައިން، ފްލައިމީގެ 200 އަށް ވުރެ ގިނަ މުވައްޒަފުންނަށް، އަންނަ މަހު އެކަކުން ފެށިގެން ނޯޓިސް ދޭ ގޮތަށް ނިންމައިފި އެވެ. އެކަމަކު ހުރިހާ މުވައްޒަފުންނަށް ވެސް ނޯ-ޕޭއަށް ދެވޭނެ ފުރުސަތު ވަނީ ދީފަ އެވެ.


ފްލައިމީ އޮޕަރޭޓްކުރާ ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު މިރޭ މުވައްޒަފުންނަށް ފޮނުއްވި ސާކިއުލާއެއްގައި ވިދާޅުވީ ވަޒީފާ އިން ވަކިކުރާނީ ނޯ-ޕޭގެ ފުރުސަތު ބޭނުންނުކުރާ މުވައްޒަފުން ކަމަށެވެ.

އޭނާ ވިދާވި ގޮތުގައި ޓޫރިޒަމް ހުއްޓުމުން އެއާލައިނަށް އާމްދަނީ ލިބޭނެ އެއްވެސް ގޮތެއް ހަމަނުޖެހުމުން، އެއާލައިން ކުޑަކުރުން ނޫން ގޮތެއް، ޑިރެކްޓަރުންނަށް ވެސް ނެތެވެ.

"ވިޔަފާރިން އެއްވެސް އާމްދަނީއެއް ނުލިބުމާއި މާލީ އެއްވެސް ކަހަލަ އެހީތެރިކަމެއް ބޭންކާއި އެހެން ގޮތްގޮތުން ވެސް ލިބެން ނެތުމުން ކުންފުނި ކުޑަކުރުން ނޫން އެހެން އެއްވެސް ގޮތެއް ނުފެނުނެވެ،" ސާކިއުލާގައި ނާޝިދު ވިދާޅުވި އެވެ.

"މިއީ ނާޅާ ވޭތޯ ވަރަށް ބޮޑަށް ކުންފުނިން މަސައްކަތް ކުރަމުން އައި ފިޔަވަޅެކެވެ."

ސާކިއުލާގައި ބުނެފައިވާ ގޮތުގައި ނޯ-ޕޭގައި ކުންފުނީގައި މަޑުކުރަން ބޭނުން މުވައްޒަފުންނަށް އެ ފުރުސަތު އެބަ އޮތެވެ. ނަމަވެސް ވިޔަފާރި ރަނގަޅުވެ، އަލުން ވަޒީފާއަށް ނަގާއިރު އެ މުވައްޒަފެއްގެ މުހިންމުކަމާ މެދު ވިސްނާނެ ކަމަށް، ލިއެފައިވެ އެވެ.

ނާޝިދު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެތިން މަހު ރާއްޖެއަށް ވެސް ނުވަތަ ދުނިޔޭގެ އެހެން ތަނަކަށް ވެސް ޓޫރިސްޓުން ދަތުރުކުރާނެ ކަމަކަށް ލަފައެއް ނުކުރެވެ އެވެ. އޭގެ މިސާލެއް ދައްކަވަމުން އޭނާ ވިދާޅުވީ ޔޫރަޕްގެ އެންމެ ބޮޑު އިގުތިސާދު، ޖަރުމަނުގެ ރައްޔިތުން ބޭރަށް ދަތުރުކުރަން، ސެޕްޓެމްބަރުގެ ކުރިން ހުއްދަ ނުދޭން ނިންމާފައިވާ ކަމަށެވެ. އަދި ޖަރުމަނުގެ ފަހަތުން އެހެން ގައުމުތަކުން ވެސް އެގޮތަށް އަމަލްކުރުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލާ އެއާއިން ބުނީ ކޮވިޑް-19 ލައްވާލުމުގެ ކުރިން ހިދުމަތް ހޯދި އެތައް ފަރާތަކުން އެއާލައިނަށް ފައިސާ ދައްކާފައިނުވާ ކަމަށެވެ. އެހެންކަމުން މި ވަގުތު އާމްދަނީއެއް ލިބޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ނާޝިދު ވިދާޅުވި އެވެ.

މި ސާކިއުލާ ނެރުމުގެ ކުރިން، ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި ފްލައިމީގެ މުވައްޒަފަކު ބުނީ، ރާއްޖޭގެ ޓޫރިޒަމް ހުއްޓި، އަމިއްލަ އެއާލައިނެއް އޮޕަރޭޓްކުރެވޭނެ އެއްވެސް ގޮތެއް ނެތުމުން، މިވަގުތު ކުންފުނީގެ ގާތްގަނޑަކަށް 75 ޕަސެންޓް މުވައްޒަފުން ވަކިކުރަން، މެނޭޖްމަންޓުން ނިންމައި، އެކަން މުވައްޒަފުންނަށް އަނގަ ބަހުން އެންގީ މިދިއަ ބުރާސްފަތިދުވަހު ކަމަށެވެ.

ފްލައިމީގައި ގާތްގަނޑަކަށް 300 މުވައްޒަފުން އުޅެ އެވެ. ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ، ޓޫރިޒަމް ހުއްޓުމަކަށް އައިއިރު، އެ މުވައްޒަފު ބުނީ، މިދިއަ މާޗު މަހު ވެސް ފްލައިމީގެ ހުރިހާ މުވައްޒަފުންނަށް ފުލް މުސާރަ ލިބުނު ކަމަށެވެ. އެކަމަކު އެއީ ވެސް ވިލާގެ ކުޑަ ދަށުން ހިންގާ ކުންފުންޏަކަށް ވާތީ، މައި ކުންފުނިން ނިންމި ގޮތަށް، އެޕްރީލް މަހުން ފެށިގެން ލިބެމުން އައީ "ރަމްޒީ މުސާރައެއް" ކަމަށް އޭނާ ބުންޏެވެ.

ނޯޓިސް ދޭ މުވައްޒަފުންގެ ތެރޭގައި ގިނަ އަދަދެއްގެ ޕައިލެޓުން ވެސް ހިމެނެ އެވެ. އެއާލައިނުން ހިފަހައްޓަން ބޭނުންވާ މުވައްޒަފުންގެ ތެރޭގައި ގިނައީ އިންޖިނޭރުން ކަހަލަ ޓެކްނިކަލް މީހުންނެވެ. އޭގެ ސަބަބެއް ކަމަށް "މިހާރު"އާ ވާހަކަ ދެއްކި މުވައްޒަފު ބުނީ "ހަތަރު ބޯޓު ބެލެހެއްޓުން ފަދަ ބޮޑެތި ކަންކަން ކުރިއަށް ގެންދަން ޖެހޭތީ" ކަމަށެވެ.

"ހަތަރު ބޯޓު ވެސް މިހާރު އޮތީ މާމިގިލީ އެއާޕޯޓްގައި. ކޮންމެ ވަގުތަކު ވެސް ދަތުރުތައް ފަށަން ޖެހިދާނެތީ، މަރާމާތާއި ބޯޓުތައް ބަލަހައްޓަން ޖެހޭނެ. އެކަމަށް ބޭނުންވާ މުވައްޒަފުންނަށް ބޮޑަށް ސަމާލުކަން ދިނީ،" އޭނާ ބުންޏެވެ.

ކޮރޯނާވައިރަސްއާ އެކު ބަންދުކޮށްފައިވާ ރާއްޖޭގެ ބޯޑަރުތައް އަންނަ މަހު ހުޅުވާލަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެކަމަކު އިންޑަސްޓްރީގެ ތަޖުރިބާކަރުން ބުނާ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ބޮޑަށް ހިނގައިގަތުން ކައިރީ ސެޕްޓެމްބަރު ހިސާބުގަ އެވެ.

"ބޯޑަރު ހުޅުވާލާ ވަގުތު ރާއްޖެއަށް އެހާ ގިނަ އެއާލައިންތައް އަންނާނެހެނެއް ހިއެއްނުވޭ. ޓޫރިސްޓުން ނައިސް ޑޮމެސްޓިކް އެއާލައިނެއް މެނޭޖެއް ނުކުރެވޭނެ،" ވާހަކަ ދެއްކި މީހާ ބުންޏެވެ.

މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ހިންގާ ފްލައިމީގެ ރަސްމީ ބަހެއް ހޯދަން ގުޅުމުން، އިސް އޮފިޝަލަކު ވިދާޅުވީ އެކަމާ ބެހޭ ބަޔާނެއް އެއާލައިނުން ވަރަށް އަވަހަށް ނެރޭނެ ކަމަށެވެ.