އުރީދޫ ފިކްސްޑް ބްރޯޑްބޭންޑް މާމެންދުއަށް ތައާރަފު ކޮށްފި

އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ލ. މާމެންދޫ އަށް ތައާރަފުކޮށްފި އެވެ.


މި ހިދުމަތާ އެކު ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން އަންނަ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އާ ހަމައަށް މާމޭންދޫގައި އިންޓަނެޓް ލިބޭނެ އެވެ. އަދި ކަސްޓަމަރުންގެ ބޭނުންތަކަށް އެކަށޭނެ ގޮތަށް ފަރުމާ ކޮށްފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތައް މި ހިދުމަތް ބޭނުން ކުރާ ކަސްޓަމަރުންނަށް ލިބޭނެ އެވެ.

މި ހިދުމަތް ފެށުމާ ގުޅޭގޮތުން އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރާނީ ދިވެހިންގެ ދިރިއުޅުން އިތުރަށް ކުރިއެރުވުމަށް ކަމަށެވެ. އެގޮތުން، މި ހިދުމަތުގެ ސަބަބުން މާމެންދޫގެ ރައްޔިތުންނަށް އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުމަށް ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތްތަނުގައި ވެސް، ރާއްޖޭގެ މުޖުތަމައުތައް ކުރިއަރުވާ، ދިވެހިން އާ ފުރުސަތުތަކަށް ގުޅުވާލަދިނުމުގެ މަސައްކަތް ފަސްޖެހުމެއްނެތި ކުރިއަށްގެންދާނެކަމުގެ ޔަގީންކަން އަރުވަން،" ނަޖީބު ޚާން ވިދާޅުވި އެވެ.

އުރީދޫން އަންނަނީ ރާއްޖޭގައި އިންޓަނެޓުގެ ފެންވަރު ރަނގަޅު ކުރުމަށް ތަފާތު މަސައްކަތްތައް ކުރަމުންނެވެ. މީގެ ތެރޭގައި ވައިފައި ކޯލިން އާއި 5ޖީ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރުން ހިމެނެ އެވެ.