އަގުހެޔޮ އައިފޯން އެސްއީ އުރީދޫ މޫލީން މިހާރު ލިބޭނެ

އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އަގުހެޔޮ އައިފޯން އެސްއީ އުރީދޫން ރާއްޖެ އަށް ތައާރަފު ކޮށްފި އެވެ.


އެޕަލްގެ ފަހުގެ އެހެން އައިފޯނުތަކާ އަޅާ ބަލާއިރު އައިފޯން އެސްއީ ސައިޒުން ކުޑަ ނަމަވެސް މި ފޯނުތަކުގައި ސްމާޓް ފޯނުތަކުގައި ބޭނުންކުރެވޭ އެންމެ އަވަސް ޗިޕް ކަމުގައިވާ އޭ13 ބައޯނިކް ޗިޕް އެކުލެވެ އެވެ. އަދި އައިފޯން މޮޑެލްތަކުގެ ތެރެއިން އެންމެ ވަރުގަދަ ސިންގަލް ކެމެރާ ސިސްޓަމް ހަރުކޮށްފައި ވަނީ ވެސް މި ފޯނުގަ އެވެ.

އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް "މޫލީ" މެދުވެރިކޮށް މިހާރު މި ފޯނުތައް ރާއްޖޭގެ ކޮންމެ ރަށެއްގައި ތިބެގެން ވެސް ގަނެވޭނެ އެވެ. އެގޮތުން އައިފޯން އެސްއީގެ 128ޖީބީގެ ފޯނެއް 9،399ރ. އަށް ލިބޭއިރު 256ޖީބީގެ ފޯނެއް ލިބޭނީ 11،499ރ. އަށެވެ. މިއީ އާއްމުކޮށް އައިފޯނުތައް ލިބޭ އަގާ އަޅާ ބަލާއިރު ވަރަށް ހެޔޮ އަގެކެވެ.

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވިގޮތުގައި އެ ކުންފުނިން ރާއްޖެ އަށް މި ފޯނު ތައާރަފު ކުރީ ދިވެހިންނަކީ ބައިނަލްއަގުވާމީ މާކެޓަށް ތައާރަފު ކުރާ އާ އީޖާދުތައް އެންމެ އަވަހަށް ބޭނުން ކުރަން ބޭނުންވާ ބަޔަކަށް ވާތީ އެވެ.

މޫލީއަކީ ރާއްޖޭގެ ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް ވިޔަފާރި ކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ވިޔަފާރި ކުރަން ބޭނުންވާ ކަސްޓަމަރުންނަށް މައި އުރީދޫ އެޕްލިކޭޝަން ޑައުންލޯޑު ކުރުމުން ވިޔަފާރި ކުރެވޭނެ އެވެ.