ޓޫރިސްޓު ފެސިލިޓީތަކަށް ދޫކޮށްފައިވާ ބިމުގެ ކުލިން ނަގާ ޖޫރިމަނާ، ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި މި އޮތް ހާލަތަށް ނިސްބަތްކޮށް، ކުޑަކޮށްފި އެވެ.

ރިސޯޓާއި، ހޮޓަލާއި، ގެސްޓްހައުސް ހަދަން ކުއްޔަށް ދޭ ރަށްރަށާއި ބިން ބިމުގެ ކުލި ސަރުކާރަށް ދެއްކުމާ ބެހޭ ގަވާއިދަށް އެ ބަދަލު ގެނެސް، ޓޫރިޒަމް މިނިސްޓްރީން ވަނީ ގަވާއިދު އާންމުކޮށްފަ އެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ބަދަލަށް އަމަލުކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކުލި ދައްކަން ޖެހޭ މުއްދަތު ހަމަވާ ދުވަހުން ފެށިގެން ފައިސާ ދައްކާ ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ޖޫރިމަނާގެ ގޮތުގައި މިހާރު ދައްކަން ޖެހޭނީ ކުލީގެ 0.0493 ޕަސެންޓެވެ. ކުރިން އޮތީ ކޮންމެ ދުވަހަކަށް ކުލީގެ 0.5 ޕަސެންޓް، ޖޫރިމަނާއަށް އަރާ ގޮތަށެވެ.

ރާއްޖޭގެ ޓޫރިސްޓު ފެސިލިޓީތަކުން ސަރުކާރަށް ކުލި ދައްކަމުން އަންނަނީ ކޮންމެ އަހަރެއްގެ ކުލި ހަތަރު ކުއާޓަރަށް ބަހާލައިގެންނެވެ. އެހެންކަމުން ކުލި ދައްކަން ޖެހޭ މުއްދަތު ކޮންމެ ކުއާޓަރެއްގެ ފުރަތަމަ ދުވަހުން ފެށިގެން ހަމަވާނެ އެވެ. އެއަށް ފަހު ކުލި ނުދައްކާ ކޮންމެ ދުވަހަކަށް ޖޫރިމަނާ އަރަ އެވެ.

ކޮވިޑް-19 ފެތުރެން ފެށުމާ އެކު ރާއްޖޭގެ ޓޫރިޒަމް ދަށްވެފައި ވާތީ ސަރުކާރުން އަންނަނީ ޓޫރިސްޓު ފެސިލިޓީތަކަށް ލުއިތައް ދެމުންނެވެ. އެގޮތުން ފެން ކުއްޔާއި ފެން ބިލާއި ކަރަންޓު ބިލް ދެއްކުން ވެސް ފަސްކޮށްދިނެވެ.

ކޮރޯނާވައިރަސް ފެތުރެން ފެށުމާ އެކު ރާއްޖޭގެ ޓޫރިޒަމް އެއްކޮށް ހުއްޓިފައި އޮންނަތާ ހަތަރު މަސް ފަހުން އަލުން ހުޅުވާލީ މިދިޔަ މަހު 15 ގަ އެވެ.