މި މަހުގެ ނިޔަލަށް އޯޑޮކް އެޕުން ހިލޭ ޑޮކްޓަރަށް ދެއްކޭނެ

ސްރީ ލަންކާގެ ޓެލެމެޑިސިން ޕްލެޓްފޯމް "އޯޑޮކް" މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން މި މަހުގެ ނިޔަލަށް ހިލޭ ޑޮކްޓަރަށް ދެއްކޭ ޕްރޮމޯޝަނެއް އުރީދޫން ފަށައިފި އެވެ.


މ ޕްރޮމޯޝަންގެ ދަށުން ހިލޭ ދެއްކޭނީ ހަމައެކަނި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށެވެ. ސްޕެޝަލިސްޓުންނަށް ދެއްކުމަށް ފީއެއް ނަގާނެ އެވެ.

އޯޑޮކްއާ ގުޅިގެން ތައާރަފްކުރި މި ހިދުމަތުގެ ބޭނުމަކީ ގޭގައި ތިބެގެން ލަންކާގެ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ހޯދައިދިނުމެވެ. ލަންކާގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އޯޑޮކް އަކީ ބަލި މީހުންނާއި ޑޮކްޓަރުން ވީޑިއޯކޮށް އަދި އޯޑިއޯ ކޯލް މެދުވެރިކޮށް ގުޅުވައިދޭ އޮންލައިން ޕްލެޓްފޯމެކެވެ.

އޯޑޮކް ވާޗުއަލް ކްލިނިކް މެދުވެރިކޮށް، ލަންކާގެ 450 އަށް ވުރެ ގިނަ ޑޮކްޓަރުންގެ ހިދުމަތް ލިބޭނެ އެވެ. މީގެ ތެރޭގައި އާންމު ބަލިތަކާ ބެހޭ ޑޮކްޓަރުންނާއި ކުޑަކުދިންގެ ޑޮކްޓަރުންނާއި ހަމުގެ ޑޮކްޓަރުންނާއި އަންހެނުންގެ ޑޮކްޓަރުން އަދި ނަފްސާނީ ބަލީގެ ޑޮކްޓަރުން ވެސް ހިމެނެ އެވެ. ދިވެހި ޑޮކްޓަރުންނަށް ވެސް އޯޑޮކް ޕްލެޓްފޯމް މެދުވެރިކޮށް ދެއްކުމުގެ ފުރުސަތު ކުރިމަގުގައި ހުޅުވައިލާނެ ކަމަށް އުރީދޫން ބުންޏެވެ.

މި މަހުގެ ނިޔަލަށް ހިލޭ ޑޮކްޓަރަށް ދެއްކޭނެ ކަމަށްބުނެ އުރީދޫން ކުރި ޓްވީޓެއް--

އޯޑޮކް ޕްލެޓްފޯމްގެ ހުރިހާ ޑޮކްޓަރުންނަކީ ވެސް ޑޮކްޓަރެއްގެ ގޮތުގައި ރަޖިސްޓަރީވެ، މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހުންނެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް، ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރުގެ ސޮޔާއި ސްޓޭމްޕާ އެކު ބޭސް ސިޓީ ފޯނަށް ފޮނުވައިދޭނެ އެވެ.

އުރީދު އާއި އޯޑޮކްގެ ޕާޓްނާޝިޕްގެ ސަބަބުން ބައިނަލްއަގްވާމީ ފެންވަރުގެ ސިއްހީ ހިދުމަތްތަކާ، ދިވެހިން ގުޅުވައިދޭނެ ކަމުގެ ޔަގީންކަން އުރީދޫން ދެ އެވެ. އެގޮތުން، އޯޑޮކް މެދުވެރިކޮށް ޑޮކްޓަރަށް ދައްކާ އުރީދޫގެ ކަސްޓަމަރުން ބިލް ދެއްކުމަށް ކްރެޑިޓް ނުވަތަ ޑެބިޓް ކާޑު ބޭނުންކުރުމުގެ ބަދަލުގައި ރައްކާތެރިކަމާއެކު، ޕޯސްޓްޕެއިޑް ބިލުން ނުވަތަ ޕްރީޕެއިޑް ބެލެންސުން ފައިސާ ދެއްކޭނެ ކަމަށެވެ.

އޯޑޮކް އާ ބެހޭ އިތުރު މައުލޫމާތާއި އެޕްލިކޭޝަން http://ore.do/odoc މެދުވެރިކޮށް ލިބޭނެ އެވެ.