ގަލްފް ކްރާފްޓުން ރާއްޖޭގައި 400 މިލިއަން ޑޮލަރު އިންވެސްޓް ކުރަނީ

ޔޫއޭއީގެ މަޝްހޫރު ގަލްފް ކްރާފްޓް ކުންފުނިން ރާއްޖޭގައި ގާތްގަނޑަކަށް 300 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރު ( ގާތްގަނޑަކަށް 6.1 ބިލިއަން ރުފިޔާ)ގެ އިންވެސްޓްމަންޓެއް ކުރަން ނިންމައިފި އެވެ.


ގަލްފް ކްރާފްޓުން ވަނީ އެ ކުންފުނީގެ ވިޔަފާރި ރާއްޖޭގައި ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ ފަޅެއް ތަރައްގީކުރަން ދިވެހި ކުންފުންޏެއް ކަމަށްވާ އެސްއޭއެސްއީ ކޮންޓްރަކްޝަނާ އެކު އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން 2023 ގެ ކުރިން މި މަޝްރޫއުގެ މަސައްކަތް ނިންމަން ވަނީ ހަމަޖެހިފަ އެވެ.

ތިލަފުށީގައި ހުންނަ ގަލްފް ކްރާފްޓް މޯލްޑިވްސްގެ ބޯޓުޔާޑުގައި ބޭއްވި ރަސްމިއްޔާތުގައި އެސްއޭއެސްއީ ކޮންޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ އަހުމަދެވެ. އަދި ގަލްފް ކްރާފްޓް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޔޫއޭއީގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެ ކުންފުނީގެ ޗެއާމަން މުހައްމަދު ހުސެއިން އަލްޝާލީ އެވެ.

"ގަލްފް ލެގޫން" ގެ ނަމުގައި ތަރައްގީ ކުރާ މި ފަޅަކީ މާލެ އަތޮޅު ސެންޓާރާ ކައިރީގައި އޮންނަ ފަޅެކެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން ހަތަރު ރިސޯޓު ހިމެނޭހެން އަށް ރަށެއް ހިއްކާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

މި މަޝްރޫއުގެ ދަށުން ގަލްފް ކްރާފްޓުން ޒަމާނީ ވަސީލަތްތަކާ އެކު ބޯޓު ބަންނަ ހާއްސަ ފެކްޓްރީއެއް ވެސް ތަރައްގީކުރާނެ އެވެ. އަދި ސަފާރީތަކާއި ޔޮޓުތަކަށް ހާއްސަ ބަނދަރަކާއި ޒުވާނުންނަށް ތަމްރީނުތައް ދޭނެ ސެންޓަރެއް ވެސް ގާއިމުކުރާނެ އެވެ.

ގަލްފް ކްރާފްޓަކީ މިހާރު ވެސް ރާއްޖޭގައި ކަނޑުގެ އުޅަނދު ފަހަރު ބަނުމުގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. އަދި އެސްއޭއެސްއީ ކޮންސްޓްރަކްޝަނަކީ އެނބޫދޫ ފަޅު ހިއްކުމުގެ މަސައްކަތް ކުރި ކުންފުންޏެވެ.