ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕް އުސޫލުން ލޯކަލް ކައުންސިލްތަކުން ހިންގާ މަޝްރޫއުތަކަށް އިންވެސްޓްކުރާނެ އިންވެސްޓަރުން ހޯދަން އެމްޑީޕީން ބާއްވާ އިންވެސްޓްމެންޓް ފޯރަމްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

އެ ފޯރަމްގައި ބައިވެރިވާން އިންވެސްޓަރުންނަށް ދައުވަތު ދެއްވައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ފޯރަމްގައި ކައުންސިލްތަކުން 100 އަށް ވުރެ ގިނަ މަޝްރޫއު ހުށަހަޅާނެ ކަމަށެވެ. އެއީ މާލީ ގޮތުން އެކަށޭނަ، ބޭންކްތަކުން ލޯނު ލިބޭ ފަދަ މަޝްރޫއުތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އިވެސްޓްމެންޓް ފުރުސަތުތައް ރާއްޖޭގެ އިންވެސްޓަރުންނާއި އިންޓަނޭޝަނަލް އިންވެސްޓަރުންނަށް ވެސް އޮތީ ހުޅުވާލާފައި،" އެމަނިކުފާނު ވިދާޅުވި އެވެ.

"ރަށްވެހި ތަރައްގީ އިންވެސްޓްމެންޓް ފޯރަމް"ގެ ނަމުގައި ކުރިއަށް ގެންދާ އެ ފޯރަމް ބާއްވާނީ އަންނަ އަންނަ މަހުގެ ދެވަނަ ދުވަހު މެންދުރު ފަހު 2:00 އިން ފެށިގެން ރޭގަނޑު 10:00 އާ ހަމަައަށެވެ.

ކޮންގްރެސްއަށް ހާއްސަކޮށް އެމްޑީޕީން ހެދި ވެބްސައިޓްގައި އާއްމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އިންވެސްޓްމެންޓް ފޯރަމްގައި ހުށަހަޅަން، ރަށު ކައުންސިލްތަކާއި ސިޓީކައުންސިލްތަކުން މިހާރު ވެސް ވަނީ 70 މަޝްރޫއެއް ރަޖިސްޓްރީކޮށްފަ އެވެ. އެއީ 

  1. ޓޫރިޒަމްގެ 11 މަޝްރޫއު
  2. ދަނޑުވެރިކަމާއި މެރިކަލްޗާގެ 9 މަޝްރޫއު
  3. ލޮޖިސްޓިކްސް އާއި އިންފްރާސްޓްރަކްޗާގެ 7 މަޝްރޫއު
  4. މޫސުަމަށް އަންނަ ބަދަލާއި ތިމާވެށްޓާ ގުޅޭ 7 މަޝްރޫއު
  5. ވިޔަފާރި އާއި ރިއަލްއެސްޓޭޓް 7 މަޝްރޫއު
  6. މަސްވެރިކަމާއި ރަށު އުފެއްދުންތަކުގެ 7 މަޝްރޫއު
  7. ހަކަތައިގެ 5 މަޝްރޫއު
  8. ސްކޫލާއި ހެލްތު ސެންޓަރުތަކާއި އިޖުތިމާއީ ހިދުމަތުގެ 8 މަޝްރޫއު

އިވެސްޓަރުންނަށް ދައުވަތު ދެއްވައި ނަޝީދު މިއަދު ކުރެއްވި ޕޯސްޓްގައި ވިދާޅުވި ގޮތުގައި ކައުންސިލްތަކުން އެ މަޝްރޫއުތަކުގެ ޕްރޮޕޯސަލް އެކުލަވާލީ އެމްޑީޕީގެ ޕްރޮޖެކްޓް އޮފީހުގެ އެހީގަ އެވެ.

އެމްޑީޕީން އިއްޔެ ބޭއްވި  މީޑިއާބްރީފިންއެއްގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު މުހައްމަދު ޝިފާޒް ވިދާޅުވި ގޮތުގައި އެޕާޓީގެ ކޮންގްރެސްގައި ބައިވެރިވާން ހާހެއްހާ މަންދޫބުން މިހާރު ވެސް ވަނީ ރަޖިސްޓްރީކޮށްފަ އެވެ.