ރާއްޖެ އޮތީ ޒިންމާދާރު އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔަން ތައްޔާރަށް އަދި އެ އިންވެސްޓްމަންޓްތައް ކާމިޔާބުކޮށްދިނުމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
"ޗައިނާ-މޯލްޑިވްސް އިންވެސްޓްމެންޓް ކޯޕަރޭޝަން ފޯރަމް" ފެށުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގެ 'ވިޝަން 2040' އިން ކަނޑައަޅާފައިވަނީ ވަރަށް އުސް ލަނޑުދަނޑިއެއް ކަމަށާއި އެއީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށްވުން ކަމަށެވެ.
އެކަން ހާސިލުކުރުމަށްޓަކައި، ރައީސް ވިދާޅުވި ގޮތުގައި އިގްތިސާދު ސިންދަފާތުކޮށް، އީޖާދީ އުފެއްދުންތެރިކަން އަވަސްކޮށް، އަދި އިތުބާރު އޮތް އިންވެސްޓަރުންނާ އެކު ގުޅުން ބަދަހިކުރަންޖެހެ އެވެ.
"...އަޅުގަނޑުމެންގެ މެސެޖު ވަރަށް ސާފު. ރާއްޖެ މިއޮތީ ޒިންމާދާރު އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔަން ތައްޔާރަށް. އަދި އެ އިންވެސްޓްމަންޓްތައް ކާމިޔާބުކޮށްދިނުމަށް އަޅުގަނޑުމެން މިތިބީ ފުރިހަމައަށް ތައްޔާރުވެގެން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން މިހާރު ވަނީ ބޭރުގެ އިންވެސްޓްމަންޓާ ބެހޭ އާ ގާނޫނެއް ތައާރަފުކޮށްފައި ކަމަށާއި އެ ބަދަލުގެ ބޭނުމަކީ ދެފުށް ފެންނަ މިންވަރު އިތުރުކުރުމާއި، ސިޔާސަތުތަކުގެ ޔަގީންކަން ދިނުމާއި އިންވެސްޓަރުންގެ އިތުބާރު ބޮޑުކުރުން ކަމަށެވެ.
އިންވެސްޓް ކުރުމުގެ ނިންމުންތައް ބިނާވަނީ އިތުބާރާއި ދެމެހެއްޓެނިވި ހަރުދަނާ ސިޔާސަތުތަކެއްގެ މައްޗަށްކަން އެނގޭ ކަމަށާއި އެހެންވެ ރާއްޖޭން އޮތީ އެކަންކަން ވަރުގަދަކުރުމުގެ އަޒުމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ތަރައްގީގެ އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި އިއާދަކުރަނިވި ހަކަތަ އާއި ކާބޯތަކެތީގެ ރައްކާތެރިކަމާއި ލޮޖިސްޓިކްސް އާއި މަސްވެރިކަމުގެ އުފެއްދުންތައް ޒަމާނީ ފެންވަރަށް ޕްރޮސެސްކުރުމާއި ޑިޖިޓަލް ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސާއި ސިއްހީ ދާއިރާ އާއި މާލީ ހިދުމަތްތަކާއި ސްމާޓް އިންފްރާސްޓްރަކްޗާ އާއި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ގެނައުން ހިމެނޭ ކަން ރައީސް ފާހަގަކުރެއްވި އެވެ.
އުމްރާނީ ތަރައްގީ އާއި ޓެކްނޮލޮޖީއާއި އަދި ސިނާއީ އީޖާދުތަކުގައި ޗައިނާއަށް ލިބިފައިވާ ތަޖުރިބާއަކީ، ރައީސް ވިދާޅުވި ގޮތުގައި މި ގިނަ ދާއިރާތަކުގައި ޗައިނާ ރާއްޖޭގެ ގާތް ބައިވެރިއަކަށް ހަދައިދޭ ކަމެކެވެ.
ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޖެނުއަރީ 1، 2025 ގައި އަމަލުކުރަން ފެށުމަކީ ދެ ގައުމުގެ އިގްތިސާދީ ގުޅުމުގައި ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަން ރައީސް ފާހަގަކުރެއްވި އެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓާ ގުޅި، ވާދަކުރުމަށް ދިވެހި ވިޔަފާރިތަކަށް ލިބިގެންދިޔަ ވަރުގަދަ ބާރެއް ކަމަށް ވެސް ވިދާޅުވި އެވެ.
މި އެއްބަސްވުމުގެ ކުރީކޮޅުގެ ނަތީޖާތަކަކީ ވަރަށް އުންމީދީ ނަތީޖާތަކެއް ވެސް ރައީސް ފާހަގަކުރެއްވި އެވެ.
"...2025 ޖަނަވަރީ މަހުން ފެށިގެން 2026 އޯގަސްޓް މަހުގެ ނިޔަލަށް، ރާއްޖެއިން ވަނީ ޗައިނާއިން ގާތްގަނޑަކަށް 440 މިލިއަން އެމެރިކާ ޑޮލަރުގެ މުދާ އެތެރެކޮށްފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އަމާޒަކީ ހަމައެކަނި ވިޔަފާރީގެ މިންވަރު އިތުރުކުރުމެއް ނޫން ކަމަށާއި އެކަމަކު އަމާޒަކަށް ވާންވާނީ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، އަދި އިގްތިސާދީ އެއްބާރުލުމުގެ ފައިދާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.
ރާއްޖޭގެ ފެންވަރު ރަނގަޅު މަހުގެ އުފެއްދުންތަކާއި އަތްތެރި މަސައްކަތްތަކާއި އަދި ހިދުމަތްތަކަށް ޗައިނާގެ މާކެޓުގައި ބޮޑު ފުރުސަތެއް އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ ޒަމާނީ ފެންވަރަށް މަސް ޕްރޮސެސްކުރުމާއި ސަޕްލައި ޗެއިނާއި މުދާ ބެހުމާއި އަދި މާކެޓަށް ވާސިލުވުމުގައި ދިވެހި ވިޔަފާރިތަކާ އެކު ގުޅިގެން މަސައްކަތްކުރުމަށް ޗައިނާގެ ވިޔަފާރިތަކަށް ރައީސް ވަނީ ދައުވަތު ދެއްވައިފަ އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ވިޔަފާރިތަކަކީ ބައިނަލްއަގުވާމީ ވިޔަފާރީގައި ހަމައެކަނި ބައިވެރިވާ ބަޔަކަށް ވުމެއް ނޫން، އެ ވިޔަފާރީގައި ވާދަކޮށް ކާމިޔާބު ހޯދާ ބަޔަކަށްވުން. މި ދަތުރުގައި ޗައިނާ ވެގެންދާނީ މުހިންމު ބައިވެރިއަކަށް،" ރައީސް ވިދާޅުވި އެވެ.
މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް، އަލިޕޭ އަދި ވީޗެޓް ޕޭ މެދުވެރިކޮށް ރާއްޖޭގައި 73،000 އަށްވުރެ ގިނަ މުއާމަލާތް ހިންގާފައިވާއިރު، އޭގެ ޖުމްލަ އަގު ގާތްގަނޑަކަށް 11 މިލިއަން އެމެރިކާ ޑޮލަރަށް އަރާ ކަން ރައީސް ފާހަގަކުރެއްވި އެވެ.
ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ މާކެޓަކީ އަދިވެސް ޗައިނާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އަލިބާބާ ފަދަ ޑިޖިޓަލް ޕްލެޓްފޯމުތަކުގެ ސަބަބުން ވެސް، ރާއްޖޭގެ އުފެއްދުންތައް ފޯރުކޮށްދޭ ފަރާތްތަކަށް ޗައިނާ އާއި އެހެނިހެން ގައުމުތަކުގެ ކަސްޓަމަރުންނާ ހަމައަށް ވާސިލުވުމުގެ އާ މަގުތައް ފަހިވެގެންދާ ކަމަށެވެ.