ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ރާއްޖެ އަށް ކުރި ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު އިހުތިރާމްގެ ޒިޔާރަތެއް ކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ، ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ)ގެ ބިއުރޯ ފޯ ސައުތު އެންޑް ސައުތު އީސްޓް އޭޝިއަން އެފެއާޒްގެ ޑިރެެކްޓަރް ޖެނެރަލް ޕެންގް ޝިއުބިން އިސްކޮށް ހުންނެވި އެ ވަފުދުން ރައީސާ ބައްދަލުކުރެއްވީ ރިޔާސީ ގަނޑުވަރު މުލީއާގޭގައި މިއަދު ހެނދުނު ކަމަށެވެ. 

ރާއްޖެ އާއި ޗައިނާ ހިއްސާކުރާ އުސޫލުތަކާއި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތް ގުޅުން، އެ ބައްދަލުވުމުގައި ޕެންގް ފާހަގަކުރެއްވި ކަމަށާއި ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެންނަވަން ރައީސް މުއިއްޒު ކުރައްވާ މަސައްކަތްޕުޅަށް ތައުރީފުކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

"އިގުތިސާދީ ގޮތުން އެއްބާރުލުން އިތުރުކޮށް، ދެ ގައުމަށް ފައިދާހުރި ކަންކަމުގައި ގުޅުން ބަދަހިކޮށް، ދެ ގައުމުގެ ގުޅުން އާ އުސްމިނަކަށް ގެންދަން އުއްމީދު ކުރައްވާކަން އެ ބައްދަލުވުމުގައި ޕެންގް ފާޅުކުރެއްވި،" ރައީސް އޮފީހުން ބުންޏެވެ.

ރާއްޖެ އާއި ޗައިނާއިން މަތީފެންވަރުގައި ގިނަ މުއާމަލާތްތަކެއް ކުރާ ކުރުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ވަރުގަދަކަން ދައްކައިދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޗައިނާ އިން ރާއްޖެއާ އެކު ބާއްވާ ޒަމާންވީ ގުޅުމަށާއި އެ ގައުމުން ރާއްޖެއަށް ވެދޭ އެހީތެރިކަަމަށް އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ޝުކުރު އަދާކުރެއްވި އެވެ.