ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލެ އާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ކުރަންޖެހޭ ސާވޭތައް ފަށައިފި އެވެ.
މާލޭގެ ހުރިހާ މަގެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހަދައިދޭން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވަނީ އިއުލާން ކުރައްވައިފަ އެވެ.
އެ މަޝްރޫއާ ގުޅޭ ލެޓާ އޮފް އެކްސްޗޭންޖް (އެލްއޯއީ) ގައި ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.
ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން މިއަދު އެކްގައި ކުރި ޕޯސްޓެއްގައި ބުނީ މަގުތައް ހެދުމަށް ކުރެހުންތައް ތައްޔާރުކުރުމަށް ބޭނުންވާ ސާވޭތަކާއި ދިރާސާތައް މިހާރު ކުރަން ފަށާފައިވާ ކަމަށެވެ.
އެ މަސައްކަތުގެ ދަށުން ކަމާގުޅުން ހުރި ސަރަހައްދުތައް ބަލައި، ސާވޭ ކުރުމާއި ކަމާބެހޭ މުއައްސަސާތަކާ އެކު ބާއްވާ މަޝްވަރާ ބައްދަލުވުންތައް އަންނަ ޖުލައި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ޗައިނާއަށް 2023 ވަނަ އަހަރު ކުރެއްވި ދަތުރުފުޅުގައި ހަމަޖެހިގެން ދިޔަ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ އިސްކަންދޭ މަޝްރޫއަކީ މާލޭގެ މަގު ހެދުމުގެ މަޝްރޫއު ކަމަށް ރައީސް މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
އެ މަޝްރޫއުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަހައްދުގެ މަގުތަކަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ، ހިނގައިބިނގާވެ އުޅޭ މީހުންނާއި އުޅަނދުފަހަރަށް ފަސޭހަ، ރައްކާތެރި ޒަމާނީ މަގުތަކަކަށް މާލޭގެ މަގުތައް ބަދަލުކުރުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.