އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު އަންނަ މަހު ބާއްވަން ނިންމައި، އިންތިހާބުގެ ޓައިމްލައިން މިއަދު އެ ޕާޓީން އާންމުކޮށްފި އެވެ. 

އިދިކޮޅު ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދައުރު ހަމަވެފައިވާއިރު، އާ މަޖިލީހެއް އިންތިހާބު ކުރަން ވޯޓުލުން ބާއްވަން ކަނޑައަޅާފައިވަނީ އަންނަ މަހުގެ 27 ވަނަ ދުވަހު އެވެ. 

އެ މަޖިލީހަށް ކުރިމަތިލައްވާ ބައެއް ބޭފުޅުން މިހާރު ވަނީ ކެމްޕެއިން ފައްޓަވައިފަ އެވެ.

އިންތިހާބަށް ކުރިމަތިލާން ހުޅުވާލަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހާ ހަމައަށެވެ. 

މިދިޔަ ހަފުތާ ބަންދުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ޕާޓީގެ އާ އަސާސީ ގަވައިދެއް ފާސްކޮށްފައިވާއިރު، އޭގައިވާ ގޮތުން ގައުމީ މަޖިލިސް އެކުލެވިގެންވާ ގޮތަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ވެ އެވެ. 

އާ އަސާސީ ގަވައިދުގައިވާ ގޮތުން ގައުމީ މަޖިލިސް އެކުލެވިގެންވާ ގޮތް:

- ޕާޓީގެ ޗެއާޕާސަން 

- ޕާޓީގެ ވެރިކަމެއް އޮންނަ ހާލަތުގައި، ރައިސުލްޖުމްހޫރިއްޔާ

- ޕާޓީގެ ވެރިކަމެއް އޮންނަ ހާލަތުގައި، ރައިސުލްޖުމްހޫރިއްޔާގެ ނައިބު 

- ޗެއާޕާސަންގެ ނައިބުން 

- ދާއިރާތަކުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ މެންބަރުން 

- އަންހެނުން ރޫހުގެ ރައީސް އަދި އެ ރޫހުން އިންތިހާބު ކުރާ ފަސް މެންބަރުން 

- ޔޫތު ވިންގުގެ ރައީސް އަދި އެ ތަނުން އިންތިހާބު ކުރާ ފަސް މެންބަރުން 

- ކައުންސިލާސް އެސެމްބްލީގެ ރައީސް އަދި ތިން ނައިބު ރައީސުން 

- ޑަބްލިއުޑީސީ ވިންގުގެ ރައީސް އަދި ތިން ނައިބު ރައީސް 

- ޕާލަމެންޓްރީ ގުރޫޕްގެ މެންބަރުން 

- ޕާޓީގެ ވެރިކަމުގައި އޮންނައިރު ކެބިނެޓްގައި ހިމެނޭ ޕާޓީއަށް ނިސްބަތްވާ މިނިސްޓަރުން 

- ޕާޓީއަށް ނިސްބަތްވާ ސިޓީތަކުގެ މޭޔަރުން