އިދިކޮޅު އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް މާލެ އިން ތަނެއް ހޯދުމަށް ތަކުރާރުކޮށް އެދިގެން ވެސް އެކަން ސަރުކާރުން ހަމަޖައްސައިދީފައި ނުވާ ކަމަށް ބުނެ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހަށް ފަސްކޮށްފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
އެމްޑީޕީން އެންމެ ފުރަތަމަ ކޮންގްރެސް ބާއްވަން ފާސްކުރީ މި މަހުގެ 19 ގަ އެވެ.
އެ ކޮންގްރެސްއާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަންގެ ނައިބު އިދާރީ އަދި އިންތިހާބު ކޮމެޓީގެ މެމްބަރު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސްއަކީ އަބަދުވެސް ހާހަކަށް ވުރެ ގިނަ މީހުން ބައިވެރިވާ ކޮންގްރެސްއެއް ކަމަށާއި އެ އެންމެންނަށް ވަދެވޭނެ ތަނެއްގައި ކޮންގްރެސެއް ބޭއްވުމުގެ ގޮތުން އެންމެ ފުރަތަމަ ހޯދަން އެދުނީ ސޯޝަލް ސެންޓަރު ކަމަށެވެ.
އެކަމަކު، އެތަން ނުލިބުމުން ފަހުން ޓެންޓު ޖަހައިގެން ތިބޭނެ ތަނެއް ހޯދުމަށް އެދުމުން އެކަން ވެސް ކޮށްދީފައި ނުވާ ކަމަށާއި ސެންޓްރަލް ޕާކުގައި އެ ކޮންގްރެސް ކުރިއަށް ގެންދާނެ ފުރުސަތު ވެސް ސަރުކާރުން ނުދިން ކަމަށެވެ.
"ސޯޝަލް ސެންޓަރު ހޯދުމަށް ސިޓީ ވެސް ފޮނުވިން ދެ ފަހަރަށް، ސިޓީ ފޮނުވާފައި އެ ބޭފުޅުންނާ ބައްދަލު ވެސް ކުރިން. އަދި އެތަނާ ހަވާލުވެ ހުންނަވާ ވަޒީރާ ވެސް އަޅުގަނޑުމެން ވާހަކަ ދެއްކިން. އަޅުގަނޑުމެންނަށް ސޯޝަލް ސެންޓަރު ދޭކަށް އެ ބޭފުޅުން އެއްބަހެއް ނުވޭ. ދެން އަޅުގަނޑުމެން އެދުނީ އިލެކްޝަންސުން ވެސް ވޯޓުލުމަށް ޓެންޓު ބަހައްޓައިގެން ދަނޑުގައި ވެސް އެކަން ކުރާތީ، ހެންވޭރު ދަނޑު ދިނުމަށް. އެކަމެއް ވެސް ނުކޮށްދިން،" އިބުރޭ ވިދާޅުވި އެވެ.
"ދެން މަސައްކަތްކުރީ ސެންޓްރަލް ޕާކުގައި މިކަން ކުރަން. އެ ތަނެއް ވެސް ނުދިން. އަޅުގަނޑުމެންގެ ހުރިހާ ޑެލިގޭޓުންނަށް ވަދެ ތިބެލެވޭނެ ހަމަ އެއްވެސް ތަނެއް މި މާލޭ ސަރަހައްދުން މި ސަރުކާރުން ނުދިން."
އިބުރޭ ވިދާޅުވި ގޮތުގައި އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސާ ވެސް އެމްޑީޕީން ބައްދަލުކުރި އެވެ.
އޭނާ ވިދާޅުވީ ކޮންގްރެސް ބޭއްވުމަކީ މުހިއްމުކަމެއްކަން ގާނޫނުތަކުން ވެސް އެނގެން އޮތްއިރު އެކަން ކުރުމަށް ތަނެއް ނުލިބުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އިބުރޭ ވިދާޅުވީ ސަރުކާރުން އެ ފުރުސަތު ފަހިނުކޮށްދިނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ އިތުރަށް 15،000 މެމްބަރުން އެ ޕާޓީއާ ގުޅިފައިވާތީ އެކަމުގެ ރުޅީގައި ކަމަށެވެ.
އެންމެ ފަހުން އެމްޑީޕީގެ ގައުމީ މަޖިލީހުން އަލުން ނިންމީ އަންނަ މަހުގެ 1 އިން 3 އަކަށް އެ ކޮންގްރެސް ބޭއްވުމަށެވެ. ކޮންގްރެސް އޮންނާނީ މާލޭ ސިޓީ ހޯލުގަ އެވެ.
އެކަމަކު އެތަނަށް ވަދެވޭނެ މީހުންގެ ޖާގައިގެ އަދަދު އަދި ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން، މުހައްމަދު ޝިފާޒު ވިދާޅުވީ މި ފަހަރުގެ ކޮންގްރެސްގައި އެންމެ ތަފާތު ކަމަކީ އިންވެސްޓްމަންޓް ފޯރަމެއް ބޭއްވުން ކަމަށެވެ.
އެއީ އެ ޕާޓީގެ ޗެއާޕާސަން މުހައްމަދު ނަޝީދުގެ ވިސްނުންފުޅާ އެއްގޮތަށް ކުރިއަށް ގެންދާ ހަރަކާތެއްކަން ފާހަގަކުރައްވާ ޝިފާޒު ވިދާޅުވީ ނަޝީދު އެ މަގާމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ވެސް އެންމެ ގަދައަށް ދެއްކެވި ވާހަކަފުޅަކީ ރައްޔިތުންނަށް ލިބޭ އާމްދަނީ ދެގުނަ ކުރުންކަ މަށާއި އެހެންވެ، ކޮންގްރެސްގެ ޝިއާރަކަށް ވެސް ކަނޑައަޅާފައި ވަނީ "ރަށްވެހި އުފެއްދުން" ކަމަށެވެ.
އެ ކޮންގްރެސްގެ އެއް ސެޝަން ހާއްސަކޮށްފައި ވަނީ ރަށްރަށުގައި ހިންގާނެ މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދުމަށެވެ. އެމްޑީޕީގެ ކައުންސިލްތަކާ މަޝްވަރާކޮށްގެން ކުރިއަށް ގެންދާ އެ ސެޝަނަށް މިހާތަނަށް 77 ޕްރޮޖެކްޓެއްގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ފޯރަމުގެ ނަމުގައި ހިންގަން މިއުޅޭ ކަމަކީ ކައުންސިލުތަކުން އެ ރަށެއްގައި ހިންގާނެ މަޝްރޫއުތަކެއް ކަނޑައަޅާފައި އެ މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދާފައި އެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތެއް މި ޕާޓީން ހޯދައިދިނުން،" ޝިފާޒު ވިދާޅުވި އެވެ.
"77 ޕްރޮޖެކްޓް އެމްޑީޕީގެ ސެކްޓްރިއޭޓާ ހިއްސާކޮށްފައިވޭ ކައުންސިލުތަކުން. އަޅުގަނޑުމެން ބަލަމުންދަނީ އިރާދަކުރެއްވިއްޔާ ކޮންގްރެސް ފެށެންވާއިރު 100 އަށް ވުރެ ޕްރޮޖެކްޓް މި އިންވެސްޓްމަންޓް ފޯރަމުގައި ހިއްސާކުރެވޭނެ ކަމަށް."
ކައުންސިލުތަކުން ހިންގަން ގަސްދުކުރާ ޕްރޮޖެކްޓްތަކުގެ މައުލޫމާތު ރާއްޖޭގެ ވިޔަފާރިވެރިންނާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނާ ފޯރަމްގައި ހިއްސާކުރާނެ ކަމަށް ޝިފާޒު ވިދާޅުވި އެވެ.