އިދިކޮޅު އެމްޑީޕީން މި މަހުގެ 29-30 ގައި ބާއްވާ ކޮންގްރެސްގައި ބައިވެރިވާން މިހާތަނަށް ހާހެއްހާ މަންދޫބުން ރަޖިސްޓަރީ ކޮށްފައިވާ ކަމަށް އެޕާޓީން މިއަދު ބުނެފި އެވެ.
އެމްޑީޕީގެ އޮފީހުގައި ބޭއްވި މީޑިއާބްރީފިންއެއްގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު މުހައްމަދު ޝިފާޒް ވިދާޅުވީ، ކޮންގްރެސްގައި ބައިވެރިވާން މިހާތަނަށް 986 މަންދޫބަކު ރަޖިސްޓަރީ ކޮށްފައިވާ ކަމަށެވެ.
ދެވަނަ އަށް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީގެ ކޮންގްރެސް ބާއްވަނީ އުނދަގުލުން ކަމަށް ވިޔަސް އެއީ ޕާޓީގެ މެންބަރުން ފަހުރުވެރިވާ ފަދަ ކޮންގްރެސްެއަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އޮޕޮޒިޝަންގައި އޮންނަ އިރު އަބަދުވެސް ލިބޭ އެންމެ ބޮޑު ހިތްވަރަކަށް އޮންނަނީ ޕާޓީގެ އާއްމު މެންބަރުންނާއި ޕާޓީގެ ގުނަންތަކުގައި އިސްކޮށް ތިއްބެވި އިސްފަރާތްތައް މިކަމަށް ދޭ ޝައުގުވެރިކަން. އެހެންވީމާ މި ފަހަރުގެ ކޮންގްރެސް އަޅުގަނޑުމެން ސިޓީ ކައުންސިލްގެ ހޯލުގައި ނުވަތަ މާލޭ ސިޓީހޯލް ގައި [ކުޑަތަނެއްގައި] ބޭއްވި ކަމުގައިވީ ނަމަވެސް އަޅުގަނޑު ތިޔަ ބޭފުޅުންނަށް ދޭން ބޭނުންވާ ޔަގީން ކަމަކީ ހަަމަ އެމްޑީޕީ ފަހުރުވެރިވާ، އަބަދުވެސް ހަަމަ އެ ވާހަކަ ދައްކަމުން ގެންދާ ފަދަ ރަނގަޅު ކޮންގްރެސް ކޮންގްރެސްމަނުންނަށް އަދި އެެމްޑީޕީ މެންބަރުންނަށް އަޅުގަނޑުމެން ފޯރުކޮށްދޭނަމޭ،" ޝިފާޒް ވިދާޅުވި އެވެ.
އެމްޑީޕީގެ ކޮންފްރެސްއަށް އޮންލައިންކޮށް ރަޖިސްޓަރީކުރަން ހުޅުވާލީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެ ފުރުސަތު ހުޅުވާލީ އަންނަ ހުކުރު ދުވަހާ ހަމައަށެވެ.
ޝިފާޒް ވިދާޅުވީ އެ ފުރުސަތު ހުޅުވާލިތާ 24 ގަޑިއިރުގެ ތެރޭގައި 500 އަށް ވުރެ ގިނަ މަންދޫބުން ރަޖިސްޓަރީ ކޮށްފައިވާ ކަމަށާއި ކޮންގްރެސް އަށް ރަޖިސްޓްރީކުރާ މެންބަރުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެެވެ.