ގަތަރު އެއާވޭސް އިން ރާއްޖެއަށް ކުރާ ދަަތުރުތައް އަނެއްކާވެސް އިތުރުކޮށްފި އެވެ.

އެ އެއާލައިނުން އިއްޔެއާ ހަމައަށް ބާއްވަމުން އައީ ދުވާލަކު ތިން ފްލައިޓެވެ. ނަމަވެސް ރާއްޖެއަށް އޮތް ޑިމާންޑް ބޮޑުވެ އިއްޔެއިން ފެށިގެން ދުވާލަކު ހަތަރު ފްލައިޓު ބާއްވަން ނިންމީ އެވެ.

އެމްއޭސީއެލުން ކުރި ޓްވީޓެއްގައި ބުނީ މި ގެނައި ބަދަލާއެކު އެ އެއާލައިނުން އެކަނި ވެސް ދުވާލަކު 1،100 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ގެނެވޭނެ ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދު ކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލުމާއެކު ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރު ފެށީ ވެސް ގަތަރު އެއާވޭސް އިންނެވެ. ބޯޑަރު ހުޅުވި ފަހުން މިހާތަނަށް 25 އަށްވުރެ ގިނަ އެއާލައިނުން އަންނަނީ ރާއްޖެއަށް ޝެޑިއުލް ދަތުރު ކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައި 15 ގައި ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް 166،761 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ.