އަމިއްލަ ކުންފުނިތަކާ ހާވާލުކޮށް ހުޅުމާލޭގައި ހަދަމުން އަންނަ ގިނަ އިމާރާތްތަކެއް ނުނިމި، ފްލެޓް ގަތް މީހުން ލޯނު ދައްކަން ޖެހި ކުރިމަތިވި މާލީ ބޮޑެތި ދަތިތަކާ އެކު ޝަކުވާ ބޮޑުވެއްޖެ އެވެ. އެކަމަކު އެ މައްސަލާގައި އެޗުޑީސީގެ ޖަވާބު "ވަރަށް ފިންޏެ"ވެ.

ރާއްޖޭގެ ނަން މަޝްހޫރު މުނިހޯމާއި އެންސިސް ފިޝަރީޒް އާއި ޑަބްލިޔު ކޮންސްޓްރަކްޝަން އަދި ޖާހު (ޖައުސާގެ ބައެއް) ފަދަ ކުންފުނިތަކުން ތަރައްގީކުރާ ޒަމާނީ ފެންވަރުގެ އިމާރާތްތަކަށް އެތައް ބަޔަކު ބޮޑު ހޭދައެއްކޮށްފައި ވިޔަސް، ތިން އަހަރު ވެގެންދިޔަ އިރު ވެސް، ނުނިމޭތީ، ބައެއް މީހުން ތިބީ ހަދާނެ ގޮތް ހުސްވެފަ އެވެ. ހަތަރު އަހަރު ވަނަ ގުނާ ނިމޭ އިރު ވެސް އޭގެ ބައެއް އިމާރާތްތަކަށް ވަދެވޭނެތޯ، އެޕާޓްމަންޓްސް ގަތް ބައެއް މީހުން މިހާރު ސުވާލުކުރެ އެވެ.

މި މައްސަލާގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ އެ އިމާރާތްތައް ލަސްވެގެން އުޅެނީ ކޮވިޑްގެ ހާލަތާ ގުޅިގެން ކަމަށެވެ.

"އަވަސްކުރުމަށް ލަސްވާ ޕްރޮޕަޓީތަކުގެ ވެރިންނާ ބައްދަލުކޮށް އަޕްޓޭޑްތައް އަންނަނީ ބަލަމުން. އަދި މުއްދަތު އިތުރުކޮށްދޭން ޖެހޭ ތަންތަނަށް މުއްދަތު އިތުރުކޮށްދެމުން ދަން،" ސުހައިލް ވިދާޅުވި އެވެ.

ދެން އޭނާ ދެއްކެވީ މަސައްކަތް ނިންމަން އެޗުޑީސީން ކުރިން ދީފައިވާ މުއްދަތު ކުރުކަމުގެ ސަބަބެވެ. ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށް އެއްބަސްވުން ހެދިޔަސް، ތިން އަހަރު ނަގާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ފްލެޓެއް އެޅުމަށް ދެ އަހަރު ދުވަހަކީ މާ ބޮޑަށް ވެސް ކުރު މުއްދަތެއް،" ސުހައިލް ވިދާޅުވި އެވެ.

އެކަމަކު އެޗުޑީސީން އެގޮތަށް ބުނުމަކީ، ބޭންކުން ބޮޑު އިންޓަރެސްޓްގައި ލޯނު ނަގައިގެން އަމިއްލައަށް ތަންތަން ގަންނަ އާންމު ރައްޔިތުންނަށް ބޮޑު އޮޅުވާލުމެއް ކަމަށް ބެލެވެ އެވެ. އެއް އޮޅުވާލުމަކީ، އެޕާޓްމަންޓްތަކަށް ފައިސާ ދައްކާ އިރު ވަކި މުއްދަތެއްގެ ތެރޭގައި ތަން ނިންމާފައި ހަވާލުކުރާނެކަމުގެ ޔަގީންކަން ޑިވެލޮޕަރުން ދިނުމެވެ. އަދި އެ މުއްދަތުގައި ތަން ނިމުނަސް ނުނިމުނަސް ލޯނު ދައްކަން ފެށުމެވެ.

ޝަކުވާކުރި ބައެއް މީހުން ބުނާ ގޮތުގައި މާލޭގައި ކުއްޔަށް އުޅެމުން އަަދި ލޯނަށް ބޮޑު އެއްޗެއް ދައްކަަން ޖެހުމުން މާލީ ވަރަށް ބޮޑެތި ދަތިތައް ގެންދަނީ ތަހައްމަލްކުރަމުންނެވެ.

"އަޅުގަނޑުމެންގެ މުޅި ސޭވިން ދެއްކީ އެޕާޓްމަންޓް ގަންނަން. ދެއްކި އިރު ވެސް ބުނިން ތި ދުވަހަށް [ޑިވެލޮޕަރު ދިން މުއްދަތު] ގައި ނިމޭނެހޭ. އެހެން ބުނީމާ ޔަގީންކަން ދިން ނިމޭނެ ކަމަށް،" މާލޭގައި ދެ ކުދިންނާ އެކު ދިރިއުޅެމުން އަންނަ އަންހެނަކު، އޭނާ އަދާކުރާ ވަޒީފާގެ ގޮތުންނާއި ޑިވެލޮޕަރު ހިތްހަމަނުޖެހިދާނެތީ ނަން ހާމަނުކުރަން އެދެމުން، ބުންޏެވެ.

"ކޮވިޑް ލައިގަތީ އެ މުއްދަތު ވެސް ފަހަނައަޅާ ދިޔަ ފަހުން. ދެން އެ މީހުން ކިހިނެއްތޯ ބުނާނީ ލަސްވަނީ ކޮވިޑްގެ ސަބަބުންނޭ؟"

ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި އެހެން މީހަކު ބުނީ ކޮވިޑްގެ ކުރިން އޭނާގެ ލޯނަށް ފައިސާ ދައްކަން ފަށާފައިވާ ކަމަށެވެ. އަދި ކުއްޔަށް 25،000ރ ދައްކާފައި، އަދި ލޯނުން މިހާތަނަށް ޑިވެލޮޕަރަށް ބޭންކުން ދޫކުރި އަދަދުން މަހަކު ދައްކަން ޖެހޭ މިންވަރާ އެކު މަހަކު 40،000ރ ވަރު ހޭދަވާ ކަމަށެވެ.

"މިވަރުން އަޅުގަނޑުމެން ސަވައިވްވާން ދެން ޖެހޭނީ ގާތް މީހުން އަތުން ފަހުން ފައިސާ ދައްކަން ލާރި ހޯދަން. އެކަމަކު އެ ވެސް އަނެއްކާ ހަމަ ދެރުމެއް ދެއްތޯ،" އޭނާ ބުންޏެވެ.

މިއީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ސަރުކާރުގެ ހަރަދުގައި އަޅައި، އެޑްވާންސަށް އެއްވެސް ފައިސާއެއް ދެއްކުމެއް ނެތި އަދި މަހުން މަހަށް ވަރަށް ކުޑަ އެއްޗެއް ދައްކާ ގޮތަށް ދޫކުރާ ފްލެޓް ލިބޭ މީހުންނާ މުޅިން ތަފާތު ބައެކެވެ. އެކަމަކު އަމިއްލަ ޑިވެލޮޕަރުން ތަރައްގީކުރާ ތަންތަނުން އެޕާޓްމަންޓް ގަންނަނީ ހަމައެކަނި މުއްސަނދިންނެއް ނޫނެވެ. އޭގެ ތެރޭގައި ގިނައީ މުޅި އުމުރު ދުވަހުގެ ސޭވިން، 20 ޕަސެންޓްގެ އެޑްވާންސަށް ދައްކައި، ބޭންކުން ބޮޑު އިންޓަރެސްޓްގައި ލޯނު ނަގާފައިވާ މީހުންނެވެ. މުއްދަތުގައި ތަން ނުނިމި އެތައް އަހަރެއް ހޭދަވާ އިރު، ކުލި ދައްކަމުން ލޯނު ވެސް ދައްކަން ޖެހުމަކީ، އަމިއްލަ ގެދޮރު ހޯދުމުގެ ހުވަންފެން ދެކޭ އެތައް ބަޔަކަށް ކުރިމަތިވާ ވަރަށް ބޮޑު މައްސަލައެކެވެ.

ހާލުގައި އުޅެމުން އަންނަ ބައެއް މީހުން ސިފަކުރާ ގޮތުގައި ހުޅުމާލޭގައި ގެދޮރު އަޅަމުން އަންނަ އަމިއްލަ ބަައެއް ކުންފުނިތަކުން "ހަދާ މަކަރު" ބަލާނެ އެއްވެސް އިދާރާއެއް ނެތެވެ. ކުންފުނިތަކާ ބިން ހަވާލުކުރަނީ އެވަރުގެ މަޝްރޫއެއް ކުރިއަށް ގެންދެވޭވަރުގެ މާލީ ތަނަވަސްކަން ހުރިކަން އެޗުޑީސީން ކަށަވަރުކޮށްގެން ކަމަށްވާ އިރު، އެޕާޓްމަންޓް ގަންނަ މީހުންގެ ފައިސާއަށް ބޮޑަށް ބަރޯސާވާ މައްސަލަ އޮތީ އޮތް ތަނުގައި ކަމަށް، އެކަކު ބުންޏެވެ.

ނުނިމި ދިގުލައިގެންދާ ލަގުޒަރީ ބައެއް އިމާރާތްތައް

- އައިރާ، އެންސިސް ފިޝަރީޒް، ހަވާލުކުރީ 2016 ގައި

- ފިތުރޯނު، މުނިހޯމް، ހަވާލުކުރީ 2016 ގައި

- ދަ ގާޑަން، ޖާހު (ޖައުސާ)، ހަވާލުކުރީ 2017 ގައި

- ކޭ-ޕާކް، ކޯދި އިންވެސްޓްމަންޓް، ހަވާލުކުރީ 2017 ގައި

"އަސްލު މިވާ ގޮތަކީ އަޅުގަނޑުމެން އެޕާޓްމަންޓް ގަންނަ މީހުން ހުރިހާ ގެއްލުމެއް ބޮލުގައި މި އަޅަނީ. ބައްލަވާ އަޅުގަނޑުމެން އެބަ ދައްކަން ބައި މިލިއަނުން، މިލިއަނުން ޑައުންޕޭމަންޓަށް. ދެން ބައްލަވާ އަޅުގަނޑުމެން ދެން މިދަނީ ދެ މިލިއަން، ތިން މިިލިއަން ނޫނީ ހަތަރު މިލިއަން ރުފިޔާގެ ލޯނަށް. އެ ހުރިހާ އެއްޗެއް އަޅަނީ ޑިވެލޮޕަރަށް،" ފަހުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"އަޅުގަނޑު ނުދަންނަވަން އެ މީހުން [ޑިވެލޮޕަރުން] އެއްޗެއް ހޭދައެއް ނުކުރެއެކޭ. އެކަމަކު މީގައި އެބަ އުޅޭ އޮޅުވާާލުން ވެސް، ޒިންމާ ނުނެގުން ވެސް، އަދި މިކަހަލަ މައްސަލަ ބަލާނެ އިދާރާއެއް ނެތުން ވެސް."

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ލަގުޒަރީ އެޕާޓްމަންޓްތަކުގެ ތެރެއިން މިހާތަނަށް ނިންމާފައި ދިނީ، އަމީން ކޮންސްޓްރަކްޝަނުން ހެދި ތިން އިމާރާތަކާއި ރެއިންބޯއިން ތަަރައްގީކުރި ދެ އިމާރާތެއްގެ އިތުރުން ދަމާސް އާއި އެޕޯލޯގެ ދެ ތަނެވެ.

މުނިހޯމްގެ "ފިތުރޯނު" އާއި އެންސިސްގެ "އައިރާ" އާއި ޖައުސާގެ "ދަ ގާޑަން"ގެ އިތުރުން ކޯދި އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކުން ހަދާ "ކޭ-ޕާކް"، ނިންމާފައި ހަވާލުކުރާނެ ކަމަށް އެތައް ތާރީހެއް މިހާތަނަށް ވަނީ ދީފަ އެވެ. އެކަމަކު ކުރިއަށް އޮތް ހަ މަސް ދުވަހު ވެސް އެއިން ތަނަކަށް ވަދެވޭނެ ކަމަށް، އެޕާޓްމަންޓް ގަތް ބައެއް މީހުންނަށް ގަބޫލެއްނުކުރެވެ އެވެ.

"އަޅުގަނޑުމެންނަށް ތާރީހު ދިން ޑިސެމްބަރަށް ވެސް، ޖެނުއަރީއަށް ވެސް، މިހާރު ބުނަނީ ފެބްރުއަރީއަށޭ،" ކުރިއަށް އޮތް ތިން މަހު ވެސް، އަމިއްލަ އެޕާޓްމަންޓަށް ވަދެވޭނެކަމުގެ ޔަގީންކަން ނެތް މީހަކު ބުންޏެވެ.

ގާތްގަނޑަކަށް ނިމެން ކައިރިވެފައި ހުރި "ފިތުރޯން" ތަރައްގީކުރަމުން އަންނަ މުނިހޯމްގެ އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ ކަމަށެވެ. އަދި ނިންމުން ލަސްވީ އެންމެ ފަހުގެ ސާމާނު ގެނައުމުގައި، ކޮވިޑްގެ ސަބަބުން ކުރިމަތިވި ހުރަސްތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފިނިޝިންގެ އެންމެ ފަހު ޝިޕްމަންޓްތައް ގެންނަން އަސްލު ދަތި ދިމާވީ. އެހެން ނޫން ނަމަ މިހާރު ހުންނާނީ ހަވާލުކުރެވިފައި،" އޮފިޝަލް ވިދާޅުވި އެވެ.