އައްޑޫ ސިޓީ މީދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
މީދޫގައި ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝިފާޒު އަލީ އެވެ. މި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ ދާއިރާތައް ތަމްސީލުކުރައްވާ ބައެއް މެމްބަރުންނާއި އައްޑު ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 5.80 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއުގެ ދަށުން އެ ރަށުގެ 1،848 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބިންގަނޑު އެއްވަރުކޮށް، 210 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖަހާނެ އެވެ.
އެމްޓީސީސީން އަންނަނީ މި ހަފުތާ ބަންދުގައި އައްޑޫ ސިޓީގެ އެކި މަޝްރުއޫތައް ފެށުމުގެ ރަސްމިއްޔާތުތައް ބާއްވަމުންނެވެ. އެގޮތުން، އިއްޔެ އައްޑޫ ސަރަހައްދީ ޕޯޓުގެ ބައެއް މަސައްކަތްތަކާ ހަވާލުވި އިރު ހިތަދޫގެ ކުރީގެ ބަނދަރު އަލުން ހެދުމުގެ މަސައްކަތް ވެސް އެ ކުންފުނިން ވަނީ ފަށައިފަ އެވެ.
ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަމުން އަންނަ ތަރައްގީގެ ވަރަށް ގިނަ މަސައްކަތް ކުރަމުން އަންނަނީ އެމްޓީސީސީންނެވެ.