އައްޑޫ މީދޫ ބަނދަރުގެ އަމަލީ މަސައްކަތް އެމްޓީސީސީން ނިންމާލައިފި އެވެ.

އެ ކުންފުނިން ބުނީ މި މަސައްކަތް ނިމުނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. މިއީ ޕްލޭނިން މިނިސްޓްރީން 2019 ވަނަ އަހަރުގެ ޖޫން މަހު އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއެކެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 36.5 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާއި ބަނދަރުގެ ނެރު ފުންކުރުމާއި 621 މީޓަރުގެ އެއްގަމު ތޮށިލުމާއި ޕޭވްމަންޓު ވަނީ ހަދައިފަ އެވެ. އަދި ރޭމްޕެއް ހަދައި ނެރުބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި ބަނދަރުގެ މޫރިން ހުކްސް ހަރުކުރުމާއި ބޮލާޑް ހަރުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ވަނީ ނިންމައިފަ އެވެ.

މީދޫ ބަނދަރުގައި ހެދި ރޭމްޕާއި ޕޭވްމަންޓް-- ފޮޓޯ: އެމްޓީސީސީ
މީދޫ ބަނދަރުގައި ހެދި ރޭމްޕާއި ޕޭވްމަންޓް-- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން ބުނީ މީދޫ ބަނދަރަކީ ރާއްޖޭގެ އެހެން ބަނދަރުތަކުގެ ޑިޒައިނާ ތަފާތު ބަނދަރެއް ކަމަށެވެ. އެގޮތުން، ކުރިން ބޮޑުދިޔައިގައި މީދޫއަށް ރާޅު އެރި ނަމަވެސް މިހާރު ބަނދަރު އުސްކުރުމުން އެ މައްސަލަ ދިމާނުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އައްޑޫގައި މިހާރު ވެސް އެމްޓީސީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ހުޅުދޫ ބަނދަރު ތަރައްގީކުރުމާއި ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމާއި ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީކުރުމާއި މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ހިތަދޫ ކުރީގެ ބަނދަރު ތަރައްގީކުރުން ހިމެނެ އެވެ. މި މަސައްކަތްތަކަށް 237 މިލިއަން ރުފިޔާ ހޭދަ ވާނެ ކަމަށް އެމްޓީސީސީން ވަނީ ލަފާކޮށްފަ އެވެ.