މޯލްޑިވިއަންގެ ބޯޓެއްގައި ޑޫޑުލް ކޮށްގެން އިންޑިއާގެ ނިއުދިއްލީ އަށް ދިއުމުގެ ފުރުސަތު ލިބޭ މުބާރާތެއް މޯލްޑިވިއަން އިން މިއަދު ފަަށައިފި އެވެ.

މިއީ މާފަރާއި ދިއްލީއާ ދެމެދު ފަށާ ދަތުރުތައް ޕްރޮމޯޓްކުރަން މޯލްޑިވިއަން އިން ފެށި މުބާރާތެކެވެ. މި މުބާރާތް ފަށަން މޯލްޑިވިއަން އިން ވަނީ މަތިންދާބޯޓެއްގެ އެއްބައި ކުރަހާފައިވާ ފޮޓޯއެއް ފޭސްބުކްގައި ހިއްސާކޮށްފަ އެވެ. އެ ބޯޓުގެ ބާކީ ހުރި ބައިތައް ޑޫޑަލްކޮށް ކޮމެންޓު ކުރާ ކޮންމެ މީހަކަށް މުބާރާތުގައި ބައިވެރިވެވޭނެ އެވެ.

މި މުބާރާތުގެ ނަސީބުވެރިޔާ ހޮވާނީ ފޭސްބުކްގައި ލިބޭ ރިއެކްޝަންތަކަށް ބަލައިގެންނެވެ. ޑޫޑަލް ފޮޓޯއަށް ކޮމެންޓުކުރާ މީހުންގެ ތެރެއިން އެންމެ ގިނަ ރިއޭކްޝަން ލިބޭ މީހަކަށް ދިއްލީއަށް ދެ މީހެއްގެ ރިޓާން ޓިކެޓް ލިބޭނެ އެވެ. އަދި ތިން ދުވަހުގެ ހުރުން ވެސް ލިބޭނެ އެވެ.

މި މުބާރާތް ކުރިއަށްދާނީ ހަމައެކި ފޭސްބުކްގަ އެވެ.

މޯލްޑިވިއަން އިން ބުނި ގޮތުގައި މި މުބާރާތުގެ ނަސީބުވެރިޔާ އިއުލާން ކުރާނީ އަންނަ މަހުގެ 10 ވަނަ ދުވަހު ކަމަށެވެ. އެހެންވެ އެހާތަނަށް ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ހުށަހެޅުމަށް ރިއެކްޝަންތައް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.