ފޮޓޯ ނަގާ ކެމެރާ އުފެއްދުމުގެ ދިގު ތާރީއެއް އޮތް ޖަޕާނުގެ އޮލިމްޕަސް ކޯޕަރޭޝަނުން އެ ބްރޭންޑްގެ ކެމެރާގެ ވިޔަފާރި ހުއްޓައިލަން ނިންމައިފި އެވެ.

އަށްޑިހަ ހަތަރު ފަހުން އޮލިމްޕަސް ކެމެރާގެ ވިޔަފާރި ހުއްޓައިލަން ނިންމީ ޑިޖިޓަލް ކެމެރާތަކާއި ވަރުގަދަ ކެމެރާތައް އެކުލެވޭ ސްމާޓްފޯންތަކުގެ ނުފޫޒު ބޮޑުވެ، ކެމެރާގެ ވިޔަފާރިން މާ ބޮޑު މަންފާއެއް ނުލިބޭތީ ކަމަށް އޮލިމްޕަސް ކޯޕަރޭޝަނުން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި ފާއިތުވި ތިން އަހަރަކީ އޮލިމްޕަސް ކެމެރާގެ ވިޔަފާރީގައި ރެކޯޑް މިންވަރަކަށް ގެއްލުންވި ތިން އަހަރެވެ. އެހެންވެ ފައިދާނުވާ ކަމެއް ކުރުމުގެ މާނައެއް މިހާރު ނެތް ކަމަށާއި ޑިމާންޑެއް ނެތް އެއްޗެއް ބާޒާރަށް ނެރުމުގެ ބޭނުމެއް ވެސް ނެތް ކަމަށް އޮލިމްޕަސް އިން ބުންޏެވެ.

އެންމެ ފުރަތަމަ އޮލިމްސް ބްރޭންޑްގެ ކެމެރާ ނެރުނީ 1936 ގަ އެވެ. ކެމެރާ އުފެއްދުމުގެ ކުރިން އޮލިމްޕަސް ކޯޕަރޭޝަނަކީ މައިކްރޮސްކޯފް އުފެއްދުމުގެ މަސައްކަތްކުރަމުން ދިޔަ ކުންފުންޏެކެވެ.

ކެމެރާ އުފެއްދުމުގެ ރަން ޒަނާމުގައި އޮލިމްޕަސް އިން ވަނީ އެ ބްރޭންޑް ޕްރޮމޯޓްކުރަން 1970 ގެ އަހަރުތަކުގެ ތެރޭގައި މަޝްހޫރު ސެލެބްރިޓީން ވެސް ބޭނުންކޮށްފަ އެވެ. އޭގެ ތެރޭގައި ސެލެބްރިޓީ ފޮޓޯގްރާފަރުން ކަމަށްވާ ޑޭވިޑް ބެއިލީ އާއި ލޯޑް ލިޗްފީލްޑް ހިމެނެ އެވެ.

އޮލިމްޕަސް ބްރޭންޑް ކެމެރާގެ ވިޔަފާރި ހުއްޓައިލަން ނިންމުމާ ގުޅިގެން އެ ކުންފުނީގެ ޒުއިކޯ ލެންސް ފަދަ އުފެއްދުންތައް ބޭނުންކުރުމުގެ ހުއްދަ ވަނީ ޖަޕާން އިންޑަސްޓްރިއަލް ޕާޓްނާޒް (ޖޭއައިޕީ) އަށް ދީފަ އެވެ. އެކަމަށް ދެ ކުންފުނީގެ މެދުގައި ވަނީ އެމްއޯޔޫއެއްގައި ސޮއި ވެސް ކޮށްފަ އެވެ. މިކަމާ ބެހޭ ގޮތުން އޮޮލިމްޕަސް އިން ބުނީ ޖީއައިޕީ އަކީ އެ ކުންފުނީގެ ލެގަސީ ކުރިއަށް އޮތް ތަނުގައި ދަމަހައްޓައިދޭނެ ކުންފުންޏެއް ކަމަށެވެ.

އޮލިމްޕަސް ކެމެރާގެ ވިޔަފާރި ހުއްޓައިލަން ނިންމި އިރު 2011 ވަނަ އަހަރުގެ ތެރޭގައި ކުންފުނީގެ ވެރިންތަކެއްގެ ބޮލުގައި ވަނީ ފައިސާގެ ބޮޑެތި މައްސަލަތަކެއްގެ ތުހުމަތުތަކެއް ވެސް އެޅިފަ އެވެ