ޑިފެންޑަރު ރޮބާޓޯ ލޯޕްސް އަށް ލިންކްޑިން އިން އައީ މެސެޖެކެވެ. އޭނާ ކަންތައް ކުރީ އެ އެޕްލިކޭޝަން ބޭނުންކުރާ އެހެން މީހުން ވެސް ކަންތައް ކުރާ ގޮތަށެވެ. އެ މެސެޖަށް އަޅައިނުލައި ދޫކޮށްލީ އެވެ. ބަލައިވެސް ނުލީ އެވެ. އެ މެސެޖް އޭނާ އަށް ކުރީ ކޭޕް ވާޑޭގެ ފުޓްބޯޅަ އެސޯސިއޭޝަނުންނެވެ.

އެފްރިކާ ބައްރުގެ ކުޑަކުޑަ ގައުމެއްގެ އެފްއޭގެ ނަމުގައި މެސެޖް ކުރިޔަސް އެއީ އަސްލު އޮޅުވާލައިގެން ސްކޭމް ހިންގާ ބަޔަކަށް ވެދާނެ ކަމަށް އޭނާ ހީކުރީ އެވެ. މެސެޖަށް އަޅައިވެސް ނުލީ އެހެންވެ އެވެ.

އޭގެ ނުވަމަސް ފަހުން، އިނގިރޭސި ބަހުން އަނެއްކާވެސް އެ އެކައުންޓުން އޭނާ އަށް މެސެޖް ކުރި އެވެ. ރަސްމީ ބަހެއްގެ ގޮތުގައި ޕޯޗުގީޒު ބަސް ބޭނުންކުރާ ކޭޕް ވާޑޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން ފުރަތަމަ އެ މެސެޖް ކޮށްފައި އޮތީ ވެސް އެ ބަހުންނެވެ.

އޭނާ އަށް ފޮނުވި މެސެޖަކީ ކޮން ކަމަކަށް އެދި ފޮނުވި މެސެޖެއްކަން ވެސް ރޭކާލީ، ދެވަނަ ފަހަރަށް ފޮނުވި މެސެޖް އިނގިރޭސި ބަހުން ލިޔެފައި އޮތުމުންނެވެ. އެއީ ވޯލްޑް ކަޕްގައި ކޭޕް ވާޑޭގެ ޓީމަށް އޭނާ ނަގަން ބޭނުންވެގެން ކޮށްފައި އޮތް މެސެޖެކެވެ.

ފުރަތަމަ މެސެޖަށް ނުވަ މަސްފަހު، ކުރި ދެވަނަ މެސެޖްގައި އިނގިރޭސި ބަހުން ބުނެފައި އޮތީ "އެ ހުށަހެޅުމާ މެދު އޭނާ ވިސްނަންތޯ؟، އެވެ. 

ލޯޕްސް، ކޭޕްވާޑޭގެ އެހެން ކުޅުންތެރިޔަކާ އެކު އުފާފާޅު ކުރަނީ --- ފޮޓޯ: ގެޓީ އިމޭޖަސް
ލޯޕްސް، ކޭޕްވާޑޭގެ އެހެން ކުޅުންތެރިޔަކާ އެކު އުފާފާޅު ކުރަނީ --- ފޮޓޯ: ގެޓީ އިމޭޖަސް

"ނުވަ މަސް ފަހުން އެމީހުން އަނެއްކާވެސް އިނގިރޭސި ބަހުން މެސެޖުކޮށްފައި އެ ހުށަހެޅުމާ މެދު ވިސްނިންތޯ އެހި. އަދި އަހަރެން ފުރަތަމަ ވެސް ކުރަންޖެހޭ ކަންތައް ކުރީ އެ ހިސާބުން. އެއީ ގޫގުލް ޓްރާންސްލޭޓް ބޭނުންކޮށްގެން ފުރަތަމަ ފޮނުވި މެސެޖު ތަރުޖަމާކުރުން،" ރޮއިޓާސް އަށް ދިން އިންޓަވިއުގައި ލޯޕްސް ބުންޏެވެ.

"އެހާހިސާބުން އަދި އެނގުނީ ވެސް އެމީހުން އަހަރެން ކޭޕް ވާޑޭ އަށް ކުޅެން ޝައުގުވެރިވޭތޯ އަހާފައިވާކަން،"

އަޔަލޭންޑަށް އުފަން ޑިފެންޑަރު ބުނީ ކޭޕް ވާޑޭގެ އެފްއޭ އިން ލިންކްޑިން އިން މެސެޖެއް ކުރީ އޭނާގެ ކްލަބާ މުއާމަލާތް ކުރަން ކުރި މަސައްކަތް ނާކާމިޔާބުވުމުން ކަމަށެވެ.

"ލިންކްޑިން މެދުވެރިކޮށް އެގޮތަށް ގުޅުމަކީ ވަރަށް ތަފާތު އަޖައިބު ގޮތެއް. ފަހުން އެމީހުން އަހަންނަށް ކިޔައިދިން ގޮތުގައި އެމީހުންނަށް އަހަރެން ކުޅޭ ކްލަބާ ގުޅޭގޮތް ނުވީ،" އޭނާ ބުންޏެވެ.

"އެކަމަކު މިފަދަ ފުރުސަތެއް ކުރިމަތިން ފެނުމުން ފުރަތަމަ މިނެޓުން ފެށިގެން ވެސް އަހަރެން ހުރީ 100 ޕަސަންޓް ތައްޔާރަށް. އަދި ބޭނުންވާ ލިޔެކިޔުންތައް ހަމަކުރުމުގެ މަސައްކަތް އަހަރެމެން ވަގުތުން ފެށިން."

ފުޓްބޯޅައިގައި "ޕީކޯ" ގެ ވަނަމުން މަޝްހޫރުވެފައިވާ 33 އަހަރުގެ ކުޅުންތެރިޔާ އޭނާގެ މުޅި ކެރިއަރު ހޭދަކުރީ އަޔަލޭންޑް ލީގުގެ ބޮހީމިއަން އެފްސީ އާއި ޝެމްރޮކް ރޯވާސްގަ އެވެ. އެ ލީގުން ބައިނަލްއަގުވާމީ ފުޓްބޯޅަ އަށް ނުކުމެވޭ ކުޅުންތެރިން މަދުވުމާ އެކު، ބޮޑު މުބާރާތެއްގައި ކުޅުމަކީ ވުން ދުރުކަމެކެވެ. އެފަދަ ފުރުސަތެއް ލިބޭނެ ކަމަކަށް ވެސް އޭނާ އުއްމީދެއް ނުކުރެ އެވެ.

ސްޕެއިންއާ ދެކޮޅަށް ކޭޕް ވާޑޭއިން ކުޅުނު މެޗުގައި ޑިފެންޑަރު ލޯޕްސް ބޯޅަހިފައިގެން ދަނީ
ސްޕެއިންއާ ދެކޮޅަށް ކޭޕް ވާޑޭއިން ކުޅުނު މެޗުގައި ޑިފެންޑަރު ލޯޕްސް ބޯޅަހިފައިގެން ދަނީ

ބައިނަލްއަގުވާމީ ފެންވަރުގައި އޭނާ އަށް ލިބުނު ހަމައެކަނި ތަޖުރިބާއަކީ އަޔަލޭންޑްގެ 19 އަހަރުން ދަށުގެ ޓީމަށް އެންމެ މެޗެއްގައި ކުޅުމުގެ ފުރުސަތެވެ.

ނަމަވެސް އޭނާ އޭނާގެ ބައްޕަ އުފަންވި ގައުމުގެ ޓީމާ ގުޅުމުގެ ފުރުސަތުގެ ބޭނުން ހިފި އެވެ.

ކޭޕް ވާޑޭގެ ޓީމަށް އޭނާ ފުރަތަމަ މެޗު ކުޅުނީ 2019 ވަނަ އަހަރު ޓޯގޯއާ ދެކޮޅަށް ކުޅެ 2-0 އިން މޮޅުވި މެޗުގަ އެވެ. އެއަށްފަހު އޭނާ ވެގެންދިޔައީ އެ ޓީމުގެ ބާރުގަދަ ޑިފެންޑަރަކަށެވެ.

ކޭޕް ވާޑޭ އިން ދިޔައީ އެ ގައުމުގެ ސައިޒާއި އާބާދީއަށް ބަލައި ފުޓްބޯޅައިގައި މާ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އަދި އެންމެ ފަހުން މިދިޔަ އޮކްޓޯބަރު މަހު އެސްވާޓިނީ ބަލިކޮށް އެ ގައުމުން ވަނީ ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ.

ސްކޭމެއް ކަމަށް ހީކޮށްގެން އަޅައިނުލައި ހުރި މެސެޖުން އޭނާ އަށް ފަހިވީ ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތެވެ.

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި، ރޭ ކޭޕް ވާޑޭ އިން ސްޕެއިން ހުއްޓުވި މެޗުގައި ޓީމުގެ ޑިފެންސްގައި ލޯޕްސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.