ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް "ކޭކް ޑޮނާސް" އިން މާލޭގައި ބޮޑު ހަރަކާތެއް ބާއްވަން ތައްޔާރު ވެއްޖެ އެވެ.
ކޭކް ޑޮނާސްގެ ފައުންޑަރު އައިޝަތު ޝެރިން ވިދާޅުވީ، މާދަމާ މާލޭގެ ހަތަރު ސަރަހައްދަކާއި ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ކޭކް ޑޮނާސްގެ ސްޓޯލްތައް ބަހައްޓައި، އެ ތަންތަނުން ހެނދުނުގެ ނާސްތާ އާއި މެންދުރުގެ ކެއުން އަދި ހަވީރު ސަޔާއި ކޭކު އަދި ތަފާތު ޕޭސްޓްރީސް ލިބެން ހުންނާނެ ކަމަށެވެ.
ކުޑަކުދިންގެ މޫނުގައި ކުލަ ޖައްސައި ދިނުމާއި ހީނާ އާޓް ވެސް އެ ހަރަކާތުގައި އޮންނާނެ އެވެ.
މި ހުރިހާ ކަމެއްގައި 100 އެއްހާ ވޮލެންޓިއަރުން ހަރަކާތްތެރިވާނެ އެވެ.
ޝެރިން ވިދާޅުވީ މާދަމާގެ ހަރަކާތުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރާނީ، ޕަލަސްތީނަށް އެހީވާން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހުޅުވާފައިވާ ފަންޑަށެވެ.
"އަޅުގަނޑުމެން އެދެނީ މާދަމާގެ ހެނދުނުގެ ނާސްތާ އާއި މެންދުރުގެ ކެއުން މި ސްޓޯލްތަކުން ގަތުމަށް،" އޭނާ ވިދާޅުވި އެވެ.
ކޭކު ޑޮނާސް އަކީ އިޖުތިމާއީ މި ފަދަ ކަންކަމުގައި 2016 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ކޮމިއުނިޓީ އެކެވެ. އެކި ހާދިސާތަކާއި ބަލިތަކާ ގުޅިގެން އެހީތެރިކަން ބޭނުންވާ މީހުންނަށް އެ ކޮމިއުނިޓީން އިސްނަގައިގެން މީގެ ކުރިން ވެސް އެހީދީފައި ވެ އެވެ.