ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
މި ހަފްތާގައި ފެށި މަޖިލީހުގެ 20 ވަނަ ދައުރަށް ހުށަހެޅި ފުރަތަމަ ބިލުގެ ގޮތުގައި އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
ބިލުގައިވަނީ އިޒްރޭލު ޕާސްޕޯޓާއި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތް ނަމަވެސް އިޒްރޭލު ޕާސްޕޯޓެއް އޮތް ނަމަ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފަ އެވެ.
މި ބިލު ހުށަހަޅަނީ އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންގެންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް ބިލުގައި ބުނެފައިވެ އެވެ.
ބިލުގެ މަގްސަދަކަށް އިތުރަށް ބުނެފައިވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ނިމިދިޔަ 19 ވަނަ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވީނަމަވެސް، މިހާތަނަށް ވަކި ގޮތަކަށް އަމަލުކޮށްފައިނުވާތީ ގާނޫނަށް އިސްލާހު ގެންނަން ބޭނުންވާތީ ކަމަށެވެ.
އިޒްރޭލު ޕާސްޕޯޓާއި ޓޫރިސްޓުން ރާއްޖެ އިން ބޮއިކޮޓް ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކޮމިޓީން ބަލައިދިނުމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު ހައިތަމް އަހުމަދު އެދިވަޑައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
އެ މައްސަލަ ހާރިޖީ ކޮމިޓީން ބަލަނިކޮށް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަޖިލިސް ދޮށަށް ގިނަ ބަޔަކު އެއްވެ މުޒާހަރާ ކުރުމުން، އިޒްރޭލު މީހުން ރާއްޖެ އަށް އައުން ހުއްޓުވުމުގެ ނިންމުން ނިންމަވައި ދެއްވަން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއަކުން ވަނީ ހުށަހަޅައިފަ އެވެ.
އެކަމަކު، އޭގެ ފަހުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަން ބަދަލުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެޑައިގެންނެވުމަށް ފަހު ވެސް މަޖިލީހުގެ އެ އެދުމަށް މިހާތަނަށް އަމަލީ ސިފައެއް އައިސްފައެއް ނުވެ އެވެ.
ނަމަވެސް މި ސަރުކާރުން ވަނީ ފަލަސްތީނާއެކު އޮތް ކަން ހާމަކޮށް ވަރުގަދަ ސްޓޭންޑެއް ނަގައިފަ އެވެ.