ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅެން ހަމަޖެހިފައި އޮތް މެޗަށް ގްރީން ސްޓްރީޓްސް ހާޒިރު ނުވުމުން ވެލެންސިއާގެ ހައްގު ގެއްލިފައިވާކަމަށް އެ ކްލަބުން ބުނެފި އެވެ.
ނިއު ރޭޑިއަންޓާ ދެކޮޅަށް ގްރީން އިން ކުޅެން އޮތް މެޗަށް އެ ޓީމު ހާޒިރެއް ނުވެ އެވެ. މެޗުގެ ކުރިން ނެރުނު ޓީމު ލިސްޓްގައި ގްރީންގެ ފުރަތަމަ 11 ވެސް އާންމު ކުރި އެވެ. އެކަމަކު މެޗު ފަށަން ވަގުތުކުޑަތަން ވީއިރު ވެސް އެ ޓީމު ހަމައެއް ނުވި އެވެ.
މި ހަފުތާގައި ކުރިއަށް ދަނީ ލީގުގެ ފަހު މެޗޔތަކެވެ. އިއްޔެ ހަވީރު ވެލެންސިއާއިން ވަނީ އެ ޓީމުގެ ފަހު މެޗުގައި އީގަލްސް އަތުން މޮޅުވެ ޕޮއިންޓްގެ ގޮތުން ގްރީންއާ ހަމަހަމަ ކޮށްފަ އެވެ.
ހަތަރު ލަނޑުގެ ތަފާތަކުން ގްރީން ބަލިވިނަމަ، އޮޓެމެޓިކް ރެލިގޭޝަނުން ވެލެންސިއާ ސަލާމަތްވެ، ގްރީން ރެލިގޭޓް ވާނެ އެވެ. އެކަމަކު މެޗު ދޫކޮށްލުމުން އެ ޓީމު ބަލި ވާނީ ދެ ލަނޑުގެ ތަފާތުންނެވެ. އެ ނަތީޖާއިން ގްރީން ވަނީ އޮޓެމެޓިކް ރެލިގޭޝަނުން ސަލާމަތް ވެފަ އެވެ.
މެޗު ދޫކޮށްލުމުން މެޗުން ބަލިވާނީ ދެ ލަނޑުގެ ތަފާތަކުންކަން އެނގޭތީ ގްރީންއިން މެޗުގެ ނަތީޖާ ދުރާލައި ކަނޑައަޅަން ގަސްތުގައި މެޗު ދޫކޮށްލި ކަމަށް ވެލެންސިއާއިން ތުހުމަތު ކުރެ އެވެ.
އޮޓެމެޓިކުން ރެލިގޭޓް ވާނީ 10 ޓީމު ވާދަކުރާ ލީގުގެ ފުލަށްދާ ދެ ޓީމެވެ. ވެލެންސިއާ އޮތީ ނުވަވައިގަ އެވެ. މި ހަފުތާގެ މެޗުތަކަށް ނުކުތުމުގެ ކުރިން ވެސް ޔުނައިޓެޑް ވިކްޓަރީ ވަނީ ރެލިގޭޓް ވެފަ އެވެ.
"އަމިއްލަ އަށް ނަތީޖާ ކަނޑައެޅުމަކީ މެޗުގެ ނަތީޖާ ފިކްސް ކުރުމެވެ،" ވެލެންސިއާއިން ނެރުނު ބަޔާނުގައި ވެއެވެ.
"މެޗު ފިކްސިންއަކީ ބައިނަލްއަގްވާމީ ފެންވަރުގައި ވެސް އެންމެ ބޮޑު އަދަބު ދޭ ކަންކަމުގެ ތެރޭގައި ހިމެނޭ އަމަލެކެވެ."
ގްރީންގެ މެޗު ފިކްސިންގެ އަމަލު ބަލައި ފިޔަވަޅު އަޅަން ވެލެންސިއާއިން ވަނީ އެފްއޭއެމަށް ގޮވާލާފަ އެވެ. އަދި އެ ކްލަބުން އެ މައްސަލަ ފީފާ އާއި އޭއެފްސީ އަށް ވެސް ފޮނުވާނެކަމަށް ވެލެންސިއާގެ ބަޔާނުގައި ވެއެވެ.
އޮޓެމެޓިކުން ރެލިގޭޓް ވާނީ 10 ޓީމު ވާދަކުރާ ލީގުގެ ފުލަށްދާ ދެ ޓީމެވެ. ވެލެންސިއާ އޮތީ ނުވަވައިގަ އެވެ. މި ހަފުތާގެ މެޗުތަކަށް ނުކުތުމުގެ ކުރިން ވެސް ޔުނައިޓެޑް ވިކްޓަރީ ވަނީ ރެލިގޭޓް ވެފަ އެވެ. ނުވަވަނައިގައި ވެލެންސިއާ މިއަދު އެ ވަނީ ރެލިގޭޓް ވެފަ އެވެ.