އުރީދޫ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމަށް ކުޅޭ ޕްލޭއޮފްގެ ފުރަތަމަ ލެގުން ދެ ވަނަ ޑިވިޝަންގެ ރަނަރަޕް ކްލަބް ޒެފްރޯލް 4-0 އިން ބަލިކޮށް ވިކްޓަރީ ސްޕޯޓްސް ކްލަބް އަންނަ އަހަރުގެ ލީގުގެ ޖާގައަކާ ގާތަށް ޖެހިލައިފި އެވެ.

މި ދެ ޓީމު ކުޅޭ ދެ ވަނަ ލެގުގެ މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހު ހަވީރު އެވެ. އެ މެޗުން ޒެފްރޯލް ފަސް ލަނޑުގެ ތަފާތުން މޮޅުނުވެއްޖެނަމަ ވިކްޓަރީ އަށް އަންނަ އަހަރު ވެސް ފުރަތަމަ ޑިވިޝަނުގައި ދެމި އޮވެވޭނެ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މިމެޗުގައި ވިކްޓަރީ އަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. ވިކްޓަރީގެ ފުރަތަމަ ލަނޑު ޖެހީ އަހުމަދު ރިޒްވާން އެވެ. އަނެއް ތިން ލަނޑު ޖަހައި ވިކްޓަރީގެ އޮމޮދޫ ގޮޑްފްރޭ ވެސްޓް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފްގަ އެވެ.

މުޅި މެޗުގައި ވެސް ރަނގަޅަށް ކުޅެ ފުރުސަތު ތަނަވަސްކުރީ ވިކްޓަރީންނެވެ. ވިކްޓަރީގެ ވެސްޓް އާއި ރިޒްވާންގެ އިތުރުން އިބްރާހިމް ފުރުގާން އަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުކުރެވުނެވެ. އޭގެ ތެރެއިން ގިނަ ހަމަލާތައް ޒެފްރޯލްގެ ގޯލްކީޕަރު އަދި ކުރިން ވެލެންސިއާ އާއި މާޒިޔާ އަށް ކުޅުނު އަހުމަދު އާތިފް ވަނީ މަތަކޮށްފަ އެވެ.

ޒެފްރޯލްގެ އަފްޒަލް (ވ) ވިކްޓަރީގެ ރިޒްވާން ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޒެފްރޯލްގެ އަފްޒަލް (ވ) ވިކްޓަރީގެ ރިޒްވާން ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި މެޗުގައި ޒެފްރޯލަށް ވެސް ލަނޑު ޖަހަން ފުރުސަތުތަކެއް ލިބުނެވެ. ޒެފްރޯލްގެ މުހައްމަދު ނައުޝާދް އާއި އިސްމާއިލް ޖުހައިން ޒާހިރު އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

މިއީ ވިކްޓަރީގެ 44 އަހަރުވީ ތާރީހުގައި އެ ޓީމު ރެލިގޭޝަނުގައި ކުޅެން ޖެހުނު ތިން ވަނަ ފަހަރެވެ. ނުވަދިހަ ފަހެއްގައި އަދި 2013 ވަނަ އަހަރު ރެލިގޭޝަނުގައި ކުޅެ އެ ޓީމު ވަނީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްނުވެ ސަލާމަތްވެފަ އެވެ. ވިކްޓަރީ މި ފަހަރު ރެލިގޭޝަން ޕްލޭއޮފުގައި ކުޅެން ޖެހުނީ ލީގުގެ ހަތް ވަނަ އަށް ދިއުމުންނެވެ. ލީގުގެ އަށް ވަނަ އަށް ދިޔަ ބީޖީ ސްޕޯޓްސް ވަނީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެފަ އެވެ. އަންނަ އަހަރު އެ ޓީމުގެ ޖާގަ ފުރާނީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ކްލަބް ގްރީންސްޓްރީޓެވެ.