ކޮވިޑް-19 ފެތުރޭތީ، ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ "އައިޓީބީ" ކެންސަލް ކޮށްފި އެވެ.
މިއީ މި ފެއާގެ ތާރީހުގައި ފެއާ ކެންސަލްކުރި ފުރަތަމަ ފަހަރެވެ.
މި ފެއާ ބާއްވަން ނިންމާފައި އޮތީ މި މަހުގެ 4-8 އަށް ޖަރުމަނުގެ ބާލިންގަ އެވެ. މި ފެއާ ކެންސަލް ކޮށްފައިވަނީ ބާލިންގެ ހެލްތު އެންޑް އިކޮނޮމިކް މިނިސްޓްރީން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެންގުމުންނެވެ. މިއީ ޖަރުމަނުގައި މި ވައިރަސް ފެތުރެމުން ދާތީ އެންގި އެންގުމެކެވެ.
އައިޓީބީ ފެއާ ވެސް ބާއްވާ ބާލިންގެ ސުޕަވައިޒަރީ ބޯޑުގެ ޗެއާމަން ވުލްފް ޑިއެޓާ ވުލްފް ނެރުނު ބަޔާނެއްގައި ވިދާޅުވީ އައިޓީބީގެ 54 އަހަރުގެ ތާރީހުގައި އެއްވެސް އަހަރަކު ފެއާ ކެންސަލް ނުކުރާ ކަމަށެވެ. އަދި މިފަހަރު ފެއާ ކެންސަލްކުރީ ސިއްހީ ނުރައްކަލެއްގެ ސަބަބުން މަޖުބޫރުވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ވުލްފް ވަނީ މިފަދަ ހާލަތެއްގައި އައިޓީީބީ ފެއާ ކެންސަލް ކުރުމުން ހުރިހާ އެގްޒަބިޓަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ.
މިއަހަރުގެ އައިޓިބީ ފެއާގައި ދުނިޔޭގެ 180 ގައުމަކުން 10،000 އަށް ވުރެ ގިނަ އެގްޒަބިޓަރުން ބައިވެރިވެ އެވެ. މީގެ ތެރޭގައި ރާއްޖޭގެ 99 ކުންފުންޏެއް ވެސް ހިމެނެ އެވެ.
އައިޓީބީ އަކީ ރާއްޖޭން ވެސް ކޮންމެ އަހަރަކު އިންތިޒާރުކުރާ އެއް ފެއާ އެވެ. މި ފެއާގެ ސަބަބުން ގިނަ ބައެއްގެ މެދުގައި ރާއްޖެ އިޝްތިހާރުވެ، ރާއްޖޭގެ ޓޫރިޒަމް އޮޕަރޭޓަރުންނާއި ބޭރުގެ ޓުއާއޮޕްރޭޓަރުންނާ ބައްދަލުވުމުގެ ފުރުސަތު ލިބެ އެވެ.
ރާއްޖެ އަށް އެންމެ ގިނަ ޓުރިސްޓުން އަންނަ ޗައިނާއިން ޓޫރިސްޓުން އައުން މަނާ ކޮށްފައިވާ މި ދަނޑިވަޅުގައި ދުނިޔޭގެ އެހެން ހިސާބުތަކުގައި ރާއްޖެ އިޝްތިހާރުކޮށް ޓޫރިސްޓުންގެ އަދަދު އިތުރު ކުރުމަކީ ރާއްޖޭގެ އިގްތިސާދަށް މުހިންމު ކަމެކެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ގިނަ ގައުމުތަކުން ދަތުރުކުރުން މަނާކޮށްފައިވާއިރު މިއަހަރު ރާއްޖޭގެ ޓޫރިޒަމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވެ އެވެ.