ކޮވިޑް-19ގެ ހާސްކަމުގައި ދުނިޔެ އޮންނަތާ އަހަރެއް ވާން ކައިރިވި އިރު އެންމެ ފަހުން އުފާވެރި ހަބަރެއް އިއްޔެ މިވަނީ ލިބިފަ އެވެ. އެމެރިކާގެ ބޭސް ކުންފުނި ފައިޒާ އާއި ޖަރުމަނުގެ ބައޮއެންޓެކް ގުޅިގެން އުފެއްދި ވެކްސިނަކީ 90 ޕަސެންޓް ކާމިޔާބު އެއްޗެއްކަން، އޭގެ އެންމެ ފަހުގެ ދިރާސާތަކުން ސާބިތުވެ އެވެ.

އެކަމަކު ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ، މިއީ އެ ވެކްސިންގެ ތިން ވަނަ މަރުހަލާގެ އަޖުމަބެލުމުގައި ބައިވެރިކުރި 43،500 މީހުންގެ ތެރެއިން އެންމެ 94 މީހުންގެ މައުލޫމާތުގެ މައްޗަށް ބިނާކޮށްފައިވާ ނަތީޖާއެއް ކަމެވެ. އެހެންކަމުން ކުރިއަށް ހުރި ދިރާސާތަކުން ގިނަ ބައެއްގެ މައުލޫމާތު އެއްކޮށްލައިގެން ހަދާ ރިޕޯޓެއްގައި، ވެކްސިންގެ ހަގީގީ އަސަރުގެ މިންވަރު ތަފާތު ވެސް ވެދާނެ އެވެ.

އެންމެ ފަހު މަރުހަލާގައި ވެކްސިން ދޭ މީހުންގެ ނަތީޖާ ވެސް ހަދަމުން އަންނަނީ ބައިތަކަކަށް ބަހާލައިގެންނެވެ. އިއްޔެ އެ ނެރުނީ އޭގެ އެންމެ ފުރަތަމަ ރިޕޯޓެވެ.

ފައިޒާ އާއި ބައޮއެންޓެކް ގުޅިގެން އީޖާދުކުރި ވެކްސިންގެ އެންމެ ފަހު މަރުހަލާގެ އަޖުމަބެލުން ފެށީ ޖުލައި މަހު އެވެ. އެމެރިކާ އާއި ޖަރުމަނާއި ސައުތު އެފްރިކާ އާއި އާޖެންޓީނާ އާއި ބްރެޒިލް އަދި ތުރުކީގައި ކުރިއަށް ގެންދިޔަ އަޖުމަބެލުމުގައި ބައިވެރިކުރި މީހުންގެ ތެރެއިން ދެ ބައިކުޅަ އެއް ބައި މީހުންނަށް އަސްލު ވެކްސިން ދިން އިރު އަނެއް ގްރޫޕަށް ދިނީ ހަމައެކަނި ލޮނު ފެން ފޮދެކެވެ. އެކަމަކު ތިމާއަށް ލިބުނީ އަސްލު ވެކްސިން ކަމެއް ނުވަތަ ލޮނު ފެންފޮދުކަން އެއިން އެއްވެސް މީހަކަށް ނޭނގޭނެ އެވެ.

ވެކްސިން ދިނުމަށް ފަހު އެ މީހުން ބަލިވޭތޯ ބަލަ އެވެ. އޭގެ ފަހުން ވެކްސިނުން އެ މީހުންނަށް ލިބުނީ ކޮން ދިފާއުއެއްތޯ ދިރާސާކުރެ އެވެ.

މިހާތަނަށް އޭގެ ތެރެއިން 94 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އެންމެ ފުރަތަމަ ނަތީޖާ ބިނާކުރީ އެ މީހުންގެ ހަށިގަނޑުގައި އުފެދުނު ދިފާއުގެ މައްޗަށެވެ. އެއިން އެނގުނީ ކޮރޯނާވައިރަސްއާ ދެކޮޅަށް 90 ޕަސެންޓަށް ވުރެ މަތީ މިންވަރަކަށް ވެކްސިން ކާމިޔާބުކަމެވެ.

މި ދިރާސާ ހަދަނީ ވެކްސިން އުފެއްދި ކުންފުނިތަކުންނެއް ނޫނެވެ. ސައިންސްވެރިން ހިމެނޭ މުޅިން މިނިވަން ވަކި ބޯޑަކުންނެވެ.

މިއީ ރަނގަޅު ނަތީޖާއެއްތަ؟

އާއެނކެވެ. ބޭހާއި ވެކްސިން ފަދަ އެއްޗިއްސަށް ހުއްދަ ދޭ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ހަމަޖައްސާފައިވަނީ ކޮވިޑް-19އާ ދެކޮޅަށް ކުއްލި ހާލަތުގައި ދޭ ހުއްދަ ލިބޭނީ ވެކްސިންގެ ކާމިޔާބު މިންވަރު އެންމެ ދަށްވެގެން 50 ޕަސެންޓަށް ހުރެއްޖެ ނަމަ އެވެ. އެހެންކަމުން ފައިޒާ އާއި ބައޮއެންޓެކްގެ ވެކްސިންގެ ރަނގަޅު އަސަރު އެ އުޅެނީ އެއަށް ވުރެ މާ މަތީގަ އެވެ.

އެހެން ވެކްސިންތަކުގެ ކާމިޔާބު މިންވަރާ، މި ނަތީޖާ އަޅާބަލައިފިއްޔާ ތަންކޮޅެއް ފަސޭހައިން އެނގިދާނެ އެވެ. މިސާލަކަށް އިންފުލުއެންޒާ ވެކްސިންގެ ކާމިޔާބު މިންވަރު އުޅެނީ 40-60 ޕަސެންޓާ ދެމެދުގަ އެވެ. އެހެން ވަނީ އެ ރޯގާގެ ވައިރަސް އަހަރުން އަހަރަށް ބަދަލުވާތީ އެވެ. އެކަމަކު އެއާ ހިލާފަށް ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒު ހަމަކުރުމުން އޭގެ އަސަރު 97 ޕަސެންޓަށް ވުރެ މައްޗެވެ.

އަޖުމަބެލުން ކިހާ ދުވަހަކަށް ކުރިއަށް ދާނެ؟

އެންމެ ފަހުގެ އަޖުމަބެލުން ކުރިއަށް ދާނީ ބައިވެރިވި މީހުންގެ ތެރެއިން 164 މީހުންނަށް ކޮވިޑް-19 ޖެހެންދެނެވެ. އެ ހިސާބުން އަމާޒަށް ވާސިލްވެވި، ދެން އޮންނާނީ އޭގެ އެންމެ ފަހުގެ ދިރާސާ ތައްޔާރުކުރުމެވެ.

އެންމެ ފުރަތަމަ ނަތީޖާ އިން ވެކްސިންގެ އަސަރު ވަރަށް ރަނގަޅުކަން އެނގުނު ނަމަވެސް ހަގީގީ މިންވަރު ދެނެގަންނަން ބަލާ ނަމަ އެ އަދަދަކުން އަދި ނުފުދެ އެވެ. ވެކްސިނެއްގެ ކާމިޔާބު މިންވަރު ކަށަވަރުކަމާ އެކު ދެނެގަނެވޭނީ އެތައް މިލިއަން ބަޔަކަށް އެ ދިނުމަށް ފަހު އެވެ. އެކަމަކު ތަޖުރިބާކާރުން ބުނާ ގޮތުގައި ފައިޒާގެ ވެކްސިންގެ ފުރަތަމަ މައުލޫމާތުތަކުން ވެސް އެނގެނީ އޭގެ އަސަރު ވަރަށް މަތި ކަމެވެ.

ފައިޒާގެ ވެކްސިން ރައްކާތެރިތަ؟

މިހާތަނަށް ލިބުނު މައުލޫމާތުތަކުން ވެކްސިންގެ ސީރިއަސް އެއްވެސް މައްސަލައެއް ފާހަގަވެފައެއް ނެތެވެ. އެންމެ ފަހުގެ އަދި އެތައް ހާސް ބަޔަކު ބޭނުންކުރަން ޖެހޭ އަޖުމަބެލުމުގެ ކުރިން މޭ މަހު ވަނީ މަދު ބަޔަކާ އެކު، ވެކްސިންގެ ރައްކާތެރިކަން ބަލައިފަ އެވެ. އެގޮތުން އެ ފަހަރު އެ ވެކްސިންގެ ހަތަރު ވައްތަރެއް ބޭނުންކުރި އެވެ. އެ ދިރާސާގެ ނަތީޖާއަށް ބިނާކޮށް އެންމެ ފަހު މަރުހަލާގެ އަޖުމަބެލުމުގައި ބޭނުންކުރީ އޭގެ ތެރެއިން ސައިޑް އިފެކްޓް، މިސާލަކަށް ހުން އައުމާއި ގައިގައި ވަރުނެތުން ފަދަ ކަންކަން، އެންމެ ކުޑަ ވެކްސިނެވެ.

ކުއްލި ހާލަތުގައި ވެކްސިނަށް ދޭ ހުއްދަ ފައިޒާ އަށް ލިބި، އެތައް މިލިއަން ބައެއްގެ ހަށިގަނޑަށް ވެކްސިން ޖަހާ އިރު އެފްޑީއޭ އާއި ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް (ސީޑީސީ) އިން އެމީހުންގެ ހާލަތު ބަލާނެ އެވެ. އަދި ފަހު އަޖުމަބެލުމުގައި ބައިވެރިކުރި މީހުންގެ ހާލަތު ވެސް ކުރިއަށް އޮތް ދެ އަހަރު ދިރާސާކުރާނެ އެވެ.

ވެކްސިން ފުރަތަމަ ލިބޭނީ ކޮން ބަޔަކަށް؟

ފައިޒާ އިން ބުނީ މި އަހަރު ނިމުމުގެ ކުރިން 30 އާއި 40 މިލިއަން ޑޯޒް ނެރެވޭނެ ކަމަށެވެ. އޭގެ މާނައަކީ 15 މިލިއަނާއި 20 މިލިއަން މީހުންނަށް ވެކްސިން ދެވޭނެ ކަމެވެ. ދެ ޑޯޒް ހިމެނޭ މި ވެކްސިންގެ ދެ ވަނަ ޑޯޒް ދެނީ ތިން ހަފުތާ ފަހުންނެވެ.

ވެކްސިން ފުރަތަމަ ދޭނީ ކޮން ބަޔަކަށް ކަން އަދި ކަނޑައެއް ނާޅަ އެވެ. އެކަމަކު ބޮޑަށް ބެލެވެނީ ވައިރަސްގެ ސަބަބުން ސިއްހަތަށް ނުރައްކާ ބޮޑުވެދާނެ މީހުންނާއި ވައިރަސް އެރުމުގެ ފުރުސަތު ބޮޑު މީހުން، ފުރަތަމަ "ނަސީބުވެރިން"ގެ ތެރޭގައި ހިމެނޭނެ ކަމެވެ. އޭގެ ތެރޭގައި ސިއްހީ އެހީތެރިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހަކުރުބަލީގެ މީިހުންގެ އިތުރުން ފަލަމީހުން ހިމެނުން އެކަށީގެންވެ އެވެ.

ފައިޒާ އާއި ބައޮއެންޓެކުން ބުނަނީ އަހަރެއްގެ ތެރޭގައި އެ ވެކްސިންގެ 1.3 ބިލިއަން ޑޯޒް ތައްޔަރުކުރެވޭނެ ކަމަށެވެ. ނަމަވެސް ކޮވިޑް-19 ފެތުރިފައިވާ ނިސްބަތަށް ބަލާއިރު އެއީ ވެސް ވަރަށް ކުޑަ އަދަދެކެވެ.

މި ވެކްސިންގެ އިތުރުން 10 ވެކްސިނެއް މިހާރު އޮތީ އެންމެ ފަހުގެ އަޖުމަބެލުމުގެ މަރުހަލާގަ އެވެ. އެ ވެކްސިންތަކުގެ ފުރަތަމަ ނަތީޖާތައް ވެސް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށް ލަފާކުރެވެ އެވެ.